މާލޭތެރޭގައި ހުރި ވެހިކަލްތައް ނަގަން ފަށައިފި
- ޙުސައިން އަޙުމަދު

- Aug 2, 2021
- 1 min read

ބޭނުންނުކުރެވޭ ހާލަތުގައި ހުރި ވެހިކަލްތައް ނެގުމުގެ ޚާއްސަ އޮޕަރޭޝަން މާލޭގައި މިއަދު ފަށައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން މި އޮޕަރޭޝަން ކުރިއަށްގެންދަނީ ފުލުހުންނާއި ގުޅިގެންނެވެ.
ނައްތާލުމުގައި ފުރަތަމަ ބަލާނީ މި ކަމަށް ކުރި ސާވޭ ރިޕޯޓްތަކުން ދައްކާ އުޅަނދުތައް ކަމަށާއި، އެ ސާވޭކޮށްފައިވަނީ ހުސްވި ޖޫންމަހުގެ 20 ވަނަ ދުވަހުން އެ މަހުގެ 27 އަށްކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފައިވެއެވެ. އަދި އެ ރިޕޯޓުގައިވާ ގޮތުން ގަލޮޅުން 20 އުޅަނދާއި، މައްޗަންގޮޅިން 43 އުޅަނދާއި، ހެންވޭރުން 34 އުޅަނދާއި، މާފަންނުން 62 އުޅަނދު ނައްތާލަންޖެހޭކަމަށް ފާހަގަކުރެވިފައިވާކަމަށެވެ.
ސިޓީ ކައުންސިލުން ބުނީ އެއްގަމު އުޅަނދު ޕާކުކުރުމުގެ ގަވާއިދުގެ ދަށުން އެ އުޅަނދުތައް ނަގައި ނައްތައިލާ ގޮތައް ހަމަޖެހިފައިވާ ކަމަށާއި، އެ ގޮތަށް ނެގުމުގައި އުޅަނދާއި ތަކެއްޗަށް ލިބޭ ގެއްލުމާއި، އެ އުޅަނދަކުން މަދުވާ ބާވަތްތަކަށް ޒިންމާ ނުވާނެކަމަށެވެ.








Comments