މަޤާމު ދަށްކުރި ޤާޟީ ޢަލީ ނަޞީރު ވ.ފެލިދޫ ކޯޓަށް ބަދަލުކޮށްފި
- މާހިރު މުޙައްމަދު
- Sep 30, 2021
- 0 min read

ސިވިލް ކޯޓުގެ ޤާޟީކަމުގައި ހުންނެވި ޢަލީ ނަޞީރުގެ ސުލޫކީ މައްސަލައެއް ސާބިތުވުމުން މަޤާމު ދަށްކޮށް، ވ.ފެލިދޫ ކޯޓުގެ މެޖިސްޓްރޭޓަކަށް މިއަދު ބަދަލުކޮށްފިއެވެ.
ސިވިލް ކޯޓުގެ ޤާޟީކަމުގައި ހުންނެވި ޢަލީ ނަޞީރުގެ ސުލޫކީ މައްސަލައެއް ބަލައި، އެ މައްސަލަ ސާބިތުވުމުން އޭނާއާމެދު ފިޔަވަޅު އަޅަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމީ މި މަހުގެ 22 ގައެވެ. ޖޭއެސްސީން މި މަހުގެ 22 ވަނަ ދުވަހު ބުނީީ، ސިވިލް ކޯޓުގެ ދެ ޤަޟިއްޔާއެއްގައި ހިމެނޭ ޚަޞްމުން ދެ ޤަޟިއްޔާއެއް އެއްކޮށް ނިންމުމަށް އެދެމުން ދަނިކޮށް، އޭގެ ތެރެއިން އެއް ޤަޟިއްޔާ އިތުރަށް ކުރިއަށް ގެންދިއުމުގެ މަސްލަހަތެއް މި ވަގުތު ނެތްކަމަށް ކަނޑައަޅުއްވައި، އެ ޤަޟިއްޔާގެ ދައުވާ ފޯމު ބާތިލްކޮށް ޤާޟީ ޢަލީ ނަޞީރު ހުކުމްކުރީ، އެ ޤަޟިއްޔާގެ މައުޟޫޢަށް ހުކުމްކުރުމުގެ ބަދަލުގައި އަހަރު ދުވަސްވެފައިވާ މައްސަލައެއް ޤާޟީގެ ސެކްޝަނުގައި ނުބޭއްވުމުގެ މަގުސަދުގައިކަން ތަޙްޤީޤުގައި ސާބިތުވެފައިވާ ކަމަށެވެ. ޤާޟީ ޢަލީ ނަޞީރުގެ މި ޢަމަލަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 3.1 ވަނަ ނަންބަރާއި ޚިލާފު ޢަމަލެއްކަމަށްވާތީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ 1-32 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ޤާޟީ ޢަލީ ނަޞީރު ހުރި މަޤާމަށްވުރެ ދަރަޖަ ދަށްކުރުމުގެ ގޮތުން މެޖިސްޓްރޭޓް ކަމުގެ މަގާމަށް ބަދަލުކުރުމަށް އެ ދުވަހު ނިންމިއެވެ. ޖޭއެސްސީން މިއަދު ބުނީ އެ ކޮމިޝަނުގެ ނިންމުމާއި އެއް ގޮތަށް ޢަލީ ނަޞީރު އެހެން ކޯޓަކަށް ބަދަލުކުރުމަށްޓަކައި އޭނާއަށް 3 ރަށެއް ހުށަހެޅި ކަމަށެވެ.
އެ 3 ރަށަކީ ހއ.ދިއްދުއާއި، ވ.ފެލިދުއާއި، ގދ.ތިނަދުއެވެ. އެ ގޮތުން ޢަލީ ނަޞީރު ޚިޔާރު ކުރެއްވީ ފެލިދޫކަމަށްވާތީ، އެ ރަށުގެ ކޯޓަށް ބަދަލުކޮށްފައިވާ ކަމަށެވެ.








Comments