ލިޔުންތައް ސާފުނުވާކަމަށް ބުނުމުން ނިހާންގެ ޝަރީޢަތް ކުރިއަށް ގެންދެވޭ ގޮތްނުވި
- މާހިރު މުޙައްމަދު
- Aug 18, 2021
- 1 min read

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ވިލިމާލޭ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ނިހާން ޙަސަން މަނިކުގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކުގެ އަޑުއެހުން މިއަދު ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ނިހާންގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ބޭއްވީ މިއަދު 09:00 ގައެވެ.
ނިހާންގެ މައްޗަށް 06 ދަޢުވާއެއް އުފުލާފައިވެއެވެ. އެއީ ރިޝްވަތު ހިފުމުގެ ކުށުގެ 03 ދަޢުވާއަކާއި، ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ 2 ދަޢުވާއަކާއި، މަނީ ލޯންޑްރިންގެ ކުށުގެ ދަޢުވާއެކެވެ.
މިއަދު އޮތީ ދަޢުވާ އިއްވުމާއި، ދަޢުވާއަށް ޖަވާބުދާރީވުމުގެ އަޑުއެހުމެއްކަމަށްވާއިރު، ދައުލަތުން ހިއްސާކުރި ލިޔުންތައް ސާފުނުވާކަމަށް ބުނުމުން އަޑުއެހުން ވަނީ ނިންމައިލާފައެވެ.
އޮންލައިންކޮށް މިއަދު ކުރިއަށްގެންދިޔަ އަޑުއެހުމުގައި ނިހާންގެ ދިފާޢީ ވަކީލު ހުސްނީ މުބާރަކް ވިދާޅުވީ ދައުލަތުގެ ފަރާތުން ސީޑީއެއްގައ ލިޔެކިޔުންތަކުގެ ސޮފްޓް ކޮޕީ ހުށަހަޅާފައިވާއިރު، އެ ސީޑީ ނުހުޅުވޭ ކަމަށާއި، ހާޑްކޮޕީގެ ބައެއް ލިޔެކިޔުންތައް ކިޔަން ނޭނގޭ ކަމަށެވެ.
އެ ގޮތުން ފަނޑިޔާރު ޢަލީ އާދަމް ވަނީ ލިޔެކިޔުންތަކުގެ ހާޑުކޮޕީ 03 ދުވަހުގެތެރޭގައި ޝަރީޢަތަށް ހުށަހެޅުމަށް ދައުލަތަށް އަންގަވާފައެވެ. ހަމައެހެންމެ ދެން އޮންނަ އަޑުއެހުން ބާއްވަވާނީ ހުރިހާ ފަރާތަކުން ކޯޓަށް ހާޒިރުވެގެން ކަމަށް ވެސް ފަނޑިޔާރު ޢަލީ އާދަމް ވިދާޅުވިއެވެ.








Comments