ކިތަންމެ ޒާތީ ވިޔަސް އަލިފުށީ އެއާޕޯޓް ގެންނާނަން- ބިގޭ
- މާހިރު މުޙައްމަދު
- Sep 10, 2021
- 1 min read

ދައުލަތުގެ ބަޖެޓުގައި ހިމެނިފައި ނުވާ އެއާޕޯޓް ޕްރޮޖެކްޓެއް ރ. އަލިފުށީގައި އަޅާކަމަށް ބުނެ އަމާޒުކުރަމުންދާ ފާޑުކިޔުންތަކާއި ތުހުމަތުތަކަށް އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވަރުގަދަ ރައްދެއް ދެއްވައިފިއެވެ. ރ އަތޮޅުގެ އިފުރުގައި މިހާރު ވެސް އެއާޕޯޓެއް އޮއްވައި، އަލިފުށީގައި އެއާޕޯޓެއް އަޅަން ކުއްލި އަކަށް ނިންމި ނިންމުމަށް ބިގޭ ވެސް ނިސްބަތްވާ އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ނުރުހުން ވެސް ވަނީ އަމާޒުވެފައެވެ. އަދި ބިގޭއަށް ނުސީދާކޮށް އަމާޒުކޮށް، ސަރުކާރުން އެގޮތަށް ނިންމީ ވަކި މީހަކު ރުއްސަން ކަމަށް ވެސް ދަނީ ތުހުމަތުކުރަމުންނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރ. އަތޮޅަށާއި ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އަލިފުށީގައި ޖޮބް ސެންޓަރެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބިގޭ ވަނީ އެ ތުހުމަތުތަކަށް ވަރަށް ސާފުކޮށް ރައްދު ދެއްވައިފައެވެ. ބިގޭ ވިދާޅުވި ގޮތުގައި ރ އަތޮޅުގެ އެހެން ރަށްތަކާއި ވަކިން އޮންނަ އަލިފުއްޓަކީ ޒަމާނުއްސުރެ، ދަތުރުފަތުރު ކުރުމުގައި ގިނަ ދަތިތަކެއް ކުރިމަތިވެފައި ވާ ރަށެއް ކަމަށެވެ. އެކަމަކު އެއާޕޯޓު އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރެވި، 2023ގައި އެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ. "އަޅުގަނޑު ދަންނަވާލަން އޮތީ ކިތަންމެ ވަރަކަށް ޒާތީ ގޮތުން އިނގިލި ދިއްކުރި ނަމަ ވެސް އަޅުގަނޑު ފަހަތަށް ނުޖެހޭނަން. އަޅުގަނޑާ ރައްޔިތުން ހަވާލުކުރި ޒިންމާ އަމާނާތްތެރިކަމާއެކު އަދާކޮށް ތަރައްޤީ ގެނެސްދޭނަން،" ބިގޭ ވިދާޅުވިއެވެ. ބަޖެޓުގައި ހިމެނޭ ޕީއެސްއައިޕީގެ ދަށުން ވަކި ރަށްތަކެއް ބަޔާންނުކޮށް އެއާޕޯޓު ގާއިމުކުރުމުގެ މަޝްރޫއުތައް ބަޖެޓުގައި ހިމެނިފައި ވާ ކަމަށް ބިގޭ ވިދާޅުވިއެވެ. މިއީ ބަޖެޓުގައި ނެތް މަޝްރޫއުއެއް ކަމަށް ބުނެ، ސޯޝަލް މީޑިޔާގެ އިތުރުން ނޫސްތަކުގައި އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން އިސްވެ ދައްކަ ވަނީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ބިގޭ ތަކުރާރުކޮށް ވިދާޅުވިއެވެ. ބިގޭ އިތުރަށް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުން ވެސް ތަރައްޤީއަށް އެދޭނެ ކަމަށާއި، ކޮންމެ ރަށެއްގައި ގާއިމުކުރެވިގެންދާ ހިދުމަތަކީ މުޅި ރާއްޖެއަށް ލިބޭ ހިދުމަތެއް ކަމަށެވެ.








Comments