https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ކުރިއަށްވުރެ ފަސޭހަކޮށް ޓިކެޓު ލިބޭނެގޮތް ރާވައިދޭނަމޭ މަހްލޫފް ބުނެ މީހަކަށް 2 ޓިކެޓް

  • މާހިރު މުޙައްމަދު
  • Oct 11, 2021
  • 1 min read

ރީދޫ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ މެޗުތަކުގެ ޓިކެޓު ފަސޭހައި ލިބޭނެ އިންތިޒާމެއް ހަމަޖައްސަވައި ދެއްވާނެކަމަށް ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފް މި މަހުގެ 10 ވަނަ ދުވަހި ވިދާޅުވެފައި ވަނިކޮށް ބުދަ ދުވަހު ކުޅެން ހަމަޖެހިފައިވާ ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗުގެ ޓިކެޓް ވިއްކަން މާދަމާ ފަށާ އިރު، މީހަކަށް ގިނަވެގެން ވިއްކާނީ 2 ޓިކެޓު ކަމަށް ފުޓުބޯޅަ އެސޯސިއޭޝަނާ އެފްއޭއެމުން ހަމަޖައްސައި އެކަން ހަމަކޮށްފިއެވެ. މި މުބާރާތުގައި ރާއްޖެ ކުރިން ކުޅުނު 3 މެޗުގައި ވެސް ޓިކެޓު ނުލިބުމުގެ ޝަކުވާތައް ބަންޑުންވެފައިވާ އިރު، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިއަދު ވިދާޅުވީ ރާއްޖެ-އިންޑިއާ މެޗަށް އާންމުންނަށް ވިއްކަން ހަމަޖެހިފައި ވަނީ ޖުމްލަ 3،000 ޓިކެޓު ކަމަށެވެ. އެގޮތުން، މާދަމާ ހެނދުނު 10:00 ގައި ސޯޝަލް ސެންޓަރުގައި ޓިކެޓް ވިއްކަން ފަށާއިރު، ކޮންމެ މީހަކަށް ވިއްކާނީ ގިނަވެގެން 2 ޓިކެޓު ކަމަށް ބައްސާމް ވިދާޅުވިއެވެ. ޓިކެޓު ވިއްކުމަށް ސޯޝަލް ސެންޓަރުގައި 3 ޓިކެޓު ކައުންޓަރު އެފްއޭއެމުން ވަނީ ގާއިމުކޮށްފައެވެ. އެ މެޗަށް ވަންނަން ބޭނުންވާ އިންޑިއާ ސަޕޯޓަރުންނަށް 200 ޓިކެޓު ކަނޑައަޅާފައިވާ އިރު، އެ ޓިކެޓު ގަންނަންޖެހޭނީ ގަލޮޅު ދަނޑުން ކަމަށް ބައްސާމް އިތުރަށް ވިދާޅުވިއެވެ. 4 މަސްވަންދެން ސަސްޕެންޑްކޮށްފައި ހުންނެވި ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފްގެ ސަސްޕެންޝަން އުވައިލުމުން އޮފީހަށް ނިކުމެވަޑައިގެން އެކަން ފާހަގަކުރައްވައި މަހްލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިއްޔެ ސަޕޯޓަރުންނަށް ދިމާވި ދަތިއުނދަގުލަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށެވެ. ހަމައެހެންމެ އެފްއޭއެމާއި ވާހަކަ ދައްކައިގެން ވީހާވެސް ގިނަ ބަޔަކަށް މިހާރަށްވުރެ ފަސޭހަކޮށް ޓިކެޓު ލިބޭނެގޮތް ކުރިއަށް ހުރި މެޗުތަކަށް ރާވައިދޭން މަސައްކަތް ކޮށްދެއްވާނެ ކަމަށް މަހްލޫފް ވިދާޅުވެފައި ވަނިކޮށް ސްޕޮންސަރުންނާއި، ކުޅުންތެރިންގެ ޢާއިލާތައް އަދި ކްލަބްތަކަށް ޚާއްސަކޮށްގެން ގިނަ އަދަދެއްގެ ޓިކެޓުތަކެއް ނަގާފައި ވާތީ ގިނަ ސަޕޯޓަރުން ސޯޝަލް މީޑިއާގައި އަންނަނީ ނުރުހުން ފާޅުކުރުމާއެކު މިނިސްޓާރ މަހުލޫފާއި ފުޓުބޯޅަ އެސޯސިއޭޝަނުގެ ރައީސް ބައްސާމްގެ އިސްތިއުފާއަށް ގޮވަމުންނެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page