ކުށްވެރިޔާއަށް މަގު، ފާހާނާ ސާފުކުރުމާއި ކުނި އުކަން ވެސް ދެން ޖެހިދާނެ
- މާހިރު މުޙައްމަދު
- Jul 2, 2021
- 1 min read

މުޖްތަމައަށް ހިދުމަތް ކުރުމުގެ އަދަބެއްގެ ގޮތުން މަގުތަކާއި އާންމު ފާހާނާތައް ސާފުކުރުމާއި ކުނި އުކުން ފަދަ ކަންކަން ކުށްވެރިން ލައްވައި، ކުރުވޭ ގޮތަށް ސުޕްރީމް ކޯޓުން ހަމަޖައްސައިފިއެވެ.
ޤާނޫނުލްއުުޤޫބާތު ބުނާގޮތުން ޖަލަށްލުމާއި ގޭ ބަންދު ކުރުމުގެ ބަދަލުގައި އަދަބެއްގެ ގޮތުން މުޖްތަމައަށް ޚިދުމަތް ކުރަން ކުށްވެރިންގެ މައްޗަށް އެންގިދާނެއެވެ. އެކަމަކު މުޖުތަމައަށް ހިދުމަތް ކުރުމުގެ ގޮތުން ކުށްވެރިން ލައްވައި، ކުރުވޭނެ ކަންކަން މީގެ ކުރިން ކަނޑައަޅާފައެއް ނުވެއެވެ.
ޤާނޫނުލްއުޤުބާތުގެ ދަށުން އަދަބު ކަނޑައެޅުމާ ބެހޭގޮތުން ސުޕްރީމް ކޯޓުން މިއަދު އާންމުކުރި އުސޫލުގައިވާ ގޮތުން މުޖްތަމައަށް ހިދުމަތް ކުރުމުގެ އަދަބެއްގެ ގޮތުން މަގުތަކާއި އާންމު ފާހާނާތަކާއި މިސްކިތްތަކާއި ސްކޫލްތަކާއި ޕާކުތައް ސާފުކުރަން ކުށްވެރިޔާގެ މައްޗަށް ކޯޓަށް އަމުރު ކުރެވިދާނެއެވެ. ގޭގެ އިން ކުނި އުކުމާއި މަގު ހެދުމާއި ކޮންސްޓްރަކްޝަން މަސައްކަތްތަކާއިި ދައުލަތުގެ އޮފީހެއް ނުވަތަ ކުންފުންޏަކަށް ވަކި މުއްދަތަކަށް ހިދުމަތް ކުރަން ވެސް އަމުރު ކުރެވިދާނެ ކަމަށް އެ އުސޫލުގައިވެއެވެ.
އުސޫލުގައިވާ ގޮތުން އެފަދަ މަސައްކަތެއް ކުރަން ކުށްވެރިޔާގެ މައްޗަށް ކޯޓުން އަމުރުކޮށްފި ނަމަ، ހުކުމާ އެއްގޮތަށް ކުށްވެރިޔާ އަމަލުކުރާ ކަން ދައުލަތުގެ އިދާރާތަކުން މޮނީޓާ ކުރަން ޖެހޭނެއެވެ.
އެކަމާބެހޭ އުސޫލުތައް 60 ދުވަސް ތެރޭގައި ކަމާބެހޭ އިދާރާތަކުން ހަދަން ޖެހޭނެ ކަމަށް އެ އުސޫލުގައިވެއެވެ.
ކުށްވެރިން އުޅޭ ނޫޅޭ ގޮތް ބެލުމާއި ޕްރޮޮބޭޝަންގެ އަދަބު ކަނޑައެޅުމުގައި އަމަލު ކުރާނެ ގޮތް ވެސް އެ އުސޫލުގައި ހިމަނާފައިވެ އެވެ. އުޅޭ ނޫޅޭ ގޮތް ބެލުމުގެ އަދަބު ކަނޑައެޅުމުގައި، ވަކި މީހަކާ ބައްދަލު ނުކުރަން އެންގުމާއި ވަކި ތަނަކަށް ނުދާން އެންގުމާއި ވަކި ވަގުތެއްގައި ނޫނީ ގެއިން ބޭރަށް ނުނިކުންނަން އަމުރު ކުރެވިދާނެ ކަމަށް އެ އުސޫލުގައިވެ އެވެ. އަދި ވަކި ބާވަތެއްގެ ވަޒީފާއެއް އަދާކުރަން ވެސް އަމުރު ކުރެވިދާނެއެވެ.
މީގެ އިތުރުން އެ އުސޫލުގައިވާ ގޮތުން ގޭ ބަންދުގައި ބައިތިއްބަން ހުކުމްކުރާ މީހުން ގޭގައި ތިބޭކަން ކަށަވަރު ކުރުމަށްޓަކައި ޓެގް އެޅުވުން ފަދަ ކަންކަން ވެސް ތަންފީޒީ އިދާރާތަކަށް ކުރެވިދާނެ އެވެ. އަދި ޖޫރިމަނާގެ އަދަބު ކަނޑައެޅުމުގައި ވެސް، އެ މީހެއްގެ މާލީ ފުދުންތެރި ކަމަށް ބެލުމަށާއި އަދި ބޮޑެތި ކުށްތައް ސާބިތުވާ މީހުންނަށް ޖޫރިމަނާ އަދަބު ކަނޑަނޭޅޭ ގޮތަށް ވެސް އެ އުސޫލުގައި ހިމަނާފައިވެއެވެ.
އެ އުސޫލުގައިވާ ގޮތުން ކުށްވެރިޔާ އެ އަދަބާ އެއްގޮތަށް އަމަލު ނުކުރާ ނަމަ އަދަބުގެ ބާވަތް ބަދަލު ކުރެވިދާނެއެވެ. އެގޮތަށް އަދަބު ބަދަލު ކުރެވޭނީ ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ހުށަހެޅުމުން ދެ ފަރާތުން ދައްކާ ވާހަކަތަކަށް ބެލުމަށް ފަހު ކަމަށް އުސޫލުގައި ބުނެ އެވެ. ކުށްވެރިޔާގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަން ސާބިތުވެއްޖެ ނަމަ، އޭނާގެ އަދަބު ޖަލު ހުކުމަކަށް ނުވަތަ ކުރިއަށް ވުރެ ހަރުކަށި އަދަބަކަށް ބަދަލު ކުރެވިދާނެ އުސޫލުގައި ބުނެފައިވެއެވެ.








Comments