ކުއްލި ގޮތަކަށް މާބަނޑު އަންހެނަކު ނިޔާވެއްޖެ
- ޙުސައިން އަޙުމަދު

- Jun 27, 2021
- 1 min read

މާބަނޑު އަންހެނެއްގެ ހާލު ސީރިއަސް ވެގެން ފަރުވާ ދެމުން ދަނިކޮށް ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.
ނިޔާވެފައި ވަނީ އޮމަދޫ ޕެންޒީމާގެ އައިމިނަތު ޝޭނީފާ އެވެ. އޭނާ ނިޔާވީ އިއްޔެ ރަށުގައި ހުއްޓާ ހާލު ދެރަވުމުން އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ. އުމުރުން 22 އަހަރުގެ ޒުވާނާ ނިޔާވި އިރު އޭނާގެ ބަނޑަށް 20 ހަފްތާ ކަމަށް މައުލޫމާތު ލިބެއެވެ.
އޮމަދޫ ހެލްތު ސެންޓަރުން ވިދާޅުވީ ޝެނީފާ އިއްޔެ މެންދުރު ހެލްތު ސެންޓަރަށް ގެންދެވުނީ ބޮލަށް އެނބުރުން އަރާތީ ކަމަށާއި ހެލްތު ސެންޓަރުން އޭނާގެ ލޭގެ ޕްރެޝަރު ބެލި އިރު ލޭގެ ޕްރެޝަރު ހުރީ ވަރަށް ބޮޑަށް މަތިވެފައެވެ.
އިތުރު ފަރުވާ ދިނުމަށް މާލެ ގެންދިއުމުގެ ކުރިން ފުރަތަމަ ގެންދިޔައީ މަހިބަދޫ އަތޮޅު ހޮސްޕިޓަލަށާާާާއި އެ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު މާލެ ގެނެސް ފަރުވާ ދެމުން ދަނިކޮށް އޭނާ ނިޔާވީ ރޭ 23:30 ހާއިރުކަމަށެވެ.
އޭނާގެ މަރާއި ގުޅޭ ގޮތުން އަދި މިހާތަނަށް އައިޖީއެމްއެޗްގެ ބަހެއް ނުލިބެއެވެ.








Comments