ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްލުމާމެދު މާދަމާ ގޮތެއް ނިންމަނީ
- މާހިރު މުޙައްމަދު
- Oct 4, 2021
- 0 min read

ރާއްޖޭގެ ކުރީގެ ރައީސް، ރައީސް ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވައި ހައިކޯޓުން ތާއީދު ކުރި ޖަލު ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން އިސްތިއުނާފުކުރުމުން ސުޕްރީމް ކޯޓުގައި ކުރިއަށްގެންދާ ޝަރީޢަތުގެ ފަހު އަޑުއެހުން މާދަމާ ބާއްވަން ނިންމައިފިއެވެ.
މި މައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވަނީ 3 ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ފަނޑިޔާރުގެ މަހާޒްގެ އިތުރުން ފަނޑިޔާރު ޑރ.މުހައްމަދު އިބްރާހީމްއާއި ފަނޑިޔާރު ޑރ.އަޒްމިރަލްދާ ޒާހިރެވެ. މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީނުގެ ފަރާތްޕުޅުން ޝަރީޢަތަށް އަލަށް ހުށަހެޅި ހެއްކާ ގުޅޭ ގޮތުންވަނީ ދެ ފަރާތުން ވާހަކަދައްކާފައެވެ. އޭގެ އިތުރަށް އެމަނިކުފާނު ކަފާލާތުގެ އުސޫލުން މިނިވަންކުރުމާއި، ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރާ ގުޅޭ ގޮތުންވެސް ދެ ފަރާތުން ވާހަކަދެއްކިއެވެ. މާދަމާގެ އަޑުއެހުމުގައި އެކަންކަމާމެދު ގޮތެއް ނިންމައި ނިންމި ގޮތް އިއްވުން އޮންނާނެއެވެ. ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް 5 އަހަރުގެ ޖަލު ހުކުމެއް އިއްވީ، އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ފައިސާގެ ތެރެއިން ގއ. ވޮޑަމުއްލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ކަމަށް ބުނާ އެއް މިލިއަން ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާކުރެއްވި ކަމުގެ ތުހުމަތުގައި އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައެވެ. ހައި ކޯޓުން ވެސް އެ ހުކުމަށް ވަނީ ތާއީދުކޮށްފައެވެ. ނަމަވެސް ދައުލަތުން ސުޕްރީމް ކޯޓުގައި ވިދާޅުވެފައި ވަނީ ޔާމީންގެ އެކައުންޓަށް ޖަމާވީ ވޮޑަމުއްލާގެ ފައިސާކަން ސާބިތުކޮށްދޭން ނުޖެހޭނެ ކަމަށެވެ. ފަނޑިޔާރު މަހާޒު ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގައި މާދަމާ އޮންނާނީ އެ ކަންކަމާމެދު ގޮތް ނިންމުމުގެ އިތުރަށް ދެ ފަރާތުން ޚުލާޞާކޮށް މައްސަލައާމެދު ވާހަކަދެއްކުމެވެ. އަދި މާދަމާ އެ މައްސަލަތަކުގެ އަޑުއެހުން ނިންމައިލެވޭނެ ކަމަށެވެ.








Comments