މަޢާފުދިނުމާއި އަދަބު ލުއިކޮށްދޭން ލަފާދޭ ބޯޑުން ރެކޯޑް އަދަދަކަށް މައްސަލަ ނިންމައިފި
- މާހިރު މުޙައްމަދު
- Jul 10, 2021
- 1 min read

މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސް ހުށަހެޅުމުން، އެ އިލްތިމާސް ދިރާސާކޮށް ޢަމަލުކުރުމަށް ފެންނަގޮތުގެ ލަފާދިނުމަށް އެކުލަވާލާފައިވާ ކްލެމެންސީ ބޯޑުން މިއަހަރުގެ ޖޫންގެ ނިޔަލަށް ރެކޯޑު އަދަދަކަށް މައްސަލަތައް ނިންމަވައިފިއެވެ.
ކްލެމެންސީ ބޯޑަކީ މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ބޯޑެކެވެ. ކްލެމެންސީ ބޯޑު ޙަރަކާތްތެރިވާނީ އެޓަރނީ ޖެނެރަލްގެ ބެއްލެވުމުގެ ދަށުންނެވެ. ބޯޑުގެ ރައީސަކީ އެޓަރނީ ޖެނަރަލްއެވެ.
ކްލެމެންސީ ބޯޑުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިއަހަރުގެ ޖޫންގެ ނިޔަލަށް 429 މައްސަލަ ބޯޑުން ވަނީ ނިންމާފައެވެ. މިއީ ފާއިތުވި 11 އަހަރުގެ ތެރޭގައި މިހާ ގިނަ އަދަދަކަށް މައްސަލަތައް ނިންމި ފުރަތަމަ ފަހަރެވެ. ވޭތުވެދިޔަ 11 އަހަރު އެވްރެޖުކޮށް ނިންމި މައްސަލަތަކާ ބަލާ އިރު މިއީ 250 ޕަސެންޓް އިތުރުވުމެކެވެ.
ކްލެމެންސީ ބޯޑުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިއަހަރާއި ވޭތުވެދިޔަ ދެ އަހަރު އެ ބޯޑުން ބާއްވަން އެޖެންޑާކުރި އެއްވެސް ޖަލްސާއެއް ކޯރަމް ހަމަނުވެގެން ކެންސަލްކުރަން ޖެހިފައެއް ނުވެއެވެ.
ކްލެމެންސީ ބޯޑަކީ 11 މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ. ބޯޑުގައި ހިމެނެނީ ޤާނޫނީ ދާއިރާއިން މީހަކާއި ތަޢުލީމީ ދާއިރާގެ މީހަކާއި އިޖުތިމާއީ ދާއިރާގެ މީހަކާއި ޞިއްޙީ ދާއިރާގެ މީހަކާއި ދީނީ ޢިލްމުގެ މީހަކާއި މަދަނީ ޖަމްޢިއްޔާއެއްގެ މީހެއްގެ އިތުރުން ޕެރޯލް ބޯޑުގެ މެންބަރެކެވެ.








Comments