ޖާބިރަށް ފިޔަވަޅު އެޅުމަށް ގާފަރު ކައުންސިލުން ގޮވާލައިފި
- މާހިރު މުޙައްމަދު
- Oct 1, 2021
- 0 min read

ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް ގޮވައިލެއްވި ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު މިހާރު އެ ހުންނެވީ ”ހައްދުން ބޭރުވެފައި“ ކަމަށާއި، އޭނާގެ މައްސަލަ ތަޙްޤީޤުކޮށް ފިޔަވަޅުއަޅަން ޖެހޭ ކަމަށް ކ.ގާފަރު ކައުންސިލުން ބުނެފިއެވެ.
ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް ގޮވައިލައްވައި ޖާބިރު ވާހަކަދެއްކެވީ، މިދިޔަ އަންގާރަ ދުވަހުގައި ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ.
”އަޅުގަނޑުމެންނަކީ ސުންނީ މުސްލިމުން. މި ރާއްޖޭގަ މާ މޮޅު ދީންވެރިއަކު ނުއެއް ނެތް. އެންމެން ނަމާދުކުރޭ. އެހެންދީންތަކަށް މި ރާއްޖޭގައި ނަމާދުކޮށް އުޅެވޭނެ ގޮތުގެ މައްޗަށް…. (ސޫރަތުލް ކާފިރޫންގެ ފަހު އާޔަތް ވިދާޅުވެފައި) މި ޤައުމުގައި އުފައްދަން އެބަޖެހޭ. މާނައަކީ އެހެން ދީންތަކުގެ މީހުންނަށް އައިސް ނަމާދުކޮށް އުޅެވެންވާނޭ.“ ޖާބިރު ވިދާޅުވެފައިވެއެވެ.
ގާފަރު ކައުންސިލުގެ 4 މެންބަރުން ސޮއިކުރައްވައި ނެރުއްވި ނޫސްބަޔާނެއްގައި ވަނީ، ޖާބިރު ދެއްކި ވާހަކަތައް ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވައިފައެވެ. އަދި މިފަދަ ދަށު ދަރަޖައިގެ ޢަމަލުތައް މި ދާއިރާގެ މެންބަރުގެ ފުށުން ފަހަކަށް އައިސް ފެންނަމުންދާތީ ހިތާމަކުރާކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީންކަމަށް ޤާނޫނު އަސާސީގައި ވަނީ ބަޔާންކޮށްފައި ކަމަށާއި، އިސްލާމްދީނަށް ކުޑައިމީސްވާ މޭރުމުން، ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ގެއްލޭފަަދަ ޤާނޫނާއި ޚިލާފު ވާހަކަ ދެއްކުމަކީ އަދަބު ލިބޭނެ ކުށެއްކަމަށް ޤާނޫނުތަކުގައި ބަޔާންކޮށްފައިވާކަމަށް ވެސް ބަޔާނުގައި ފާހަގަކުރައްވައިފައިވެއެވެ.
ކަންމިހެން ހުރިއިރު، ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް ގޮވައިލައްވައި ޖާބިރު ދެއްކެވި ވާހަކައަކީ ކަމާބެހޭ އިދާރާތަކުން ތަޙްޤީޤުކޮށް ފިޔަވަޅު އަޅަންޖެހޭކަމެއްކަމަށް ދެކޭކަމަށް ގާފަރު ކައުންސިލުގެ ބަޔާނުގައިވެއެވެ.
ގާފަރު ކައުންސިލުގެ ބަޔާނުގައިވަނީ، ޢާންމު އިޖުތިމާޢީ މިންގަނޑުން ނެއްޓި އަޙްލާޤީ ގޮތުން ދަށު ދަރަޖައިގެ ޢަމަލުތަކެއް އެ ދާއިރާގެ މެންބަރު ޖާބިރުގެ ފަރާތުން ފެންނަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ނަމަވެސް ދީނީ މިނިވަންކަން ދިނުމަށް ގޮވައިލައްވައި، މަޖިލީހުގެ ޖަލްސާއެއްގައި މި ދާއިރާގެ މެންބަރު ވާހަކަ ދެއްކެވުމަކީ ހައްދުން ބޭރުވުންކަމުގައި މި ކައުންސިލުން ދެކޭކަމަށް ވެސް ގާފަރު ކައުންސިލުގެ ބަޔާނުގައިވެއެވެ.
މިކަން ފާހަގަކުރައްވައި ގާފަރު ކައުންސިލުގެ ބަޔާނުގައި ވަނީ، ޖާބިރުގެ މައްސަލަ ތަޙްޤީޤުކޮށް، ފިޔަވަޅު އެޅުމަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށް ގޮވައިލައިފައެވެ.
ހަމައެހެންމެ ޖާބިރު ހައްޔަރުކޮށް، އޭނާއާމެދު އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އެޅުމަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށް ކާށިދޫ ކައުންސިލުން ވެސް ވަނީ ގޮވައިލައިފައެވެ.








Comments