ޖާނުން ފިދާވުމުގެ ހަމަލާއެއް ރައީސް ނަޝީދަށް ދޭނެކަމުގެ އިންޒާރު ލިބިއްޖެ
- މާހިރު މުޙައްމަދު
- Aug 17, 2021
- 1 min read

ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ރާއްޖެއިން ބޭރުގައި ހުންނަވަނީ ޖާނުން ފިދާވުމުގެ ހަމަލާއެއް ދޭނެކަމުގެ އިންޒާރު ލިބިވަޑައިގެންފައިވާތީކަމަށް، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް ( ދޮންބިލެތް) މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޙަލީމް ވިދާޅުވީ އަދިވެސް ރައީސް ނަޝީދަށް ހަމަލާއެއް އަތުވެދާނެކަމުގެ ބިރުވެރިކަން އެބައޮތް ކަމަށާއި އެ މަނިކުފާނު ރާއްޖެއިން ބޭރުގައި މަޑުކޮށްގެން ހުންނަވަނީ ޖާނުން ފިދާވުމުގެ ހަމަލާއެއް ދޭނެކަމުގެ އިންޒާރު ލިބިވަޑައިގެންފައިވާތީ ކަމަށް ވެސް ޙަލީމް ވިދާޅުވިއެވެ. މީގެ އިތުރުން ޙަލީމް ވިދާޅުވީ ރައީސް ނަޝީދަށް ހަމަލާދިން މީހުން ތިބީ އަދިވެސް ދޫކޮށްލާފައި ކަމަށެވެ.
ޙަލީމް މިހެން ވިދާޅުވިއިރު ހަމަލާއާއި ގުޅިގެން ޖުމްލަ 10 މީހުން ހައްޔަރުކޮށް، އޭގެތެރެއިން 4 މީހެއްގެ މައްޗަށް ވަނީ ދަޢުވާ އުފުލައިފައެވެ. ދެން ތިބި މީހުންގެ ތަޙްޤީޤު ދަނީ ކުރިއަށެވެ.
ޙަލީމް ވިދާޅުވީ ރައީސް ނަޝީދަކީ ވަރަށް ކުރީއްސުރެ ވެސް ބުއްދި ޤަބޫލުުނުކުރާފަދަ ވާހަކަދައްކަވާ ބޭފުޅެއް ކަމަށާއި، އެ ގޮތުން ބައެއް ފަހަރު ވިދާޅުވާ އެއްޗެހި ޖޯކަކަށް ވެސް ވާ ކަމަށެވެ. ނަމަވެސް އާޚިރުގައި އެކަން ނިމެނީ ޙަޤީޤަތަކަށްވެގެން ކަމަށެވެ.
ޙަލީމް މިހެން ވިދާޅުވިއިރު، ރައީސް ނަޝީދު ވަނީ، މާލޭ މަޖީދީ މަގުގައި ބޮމެއް ގޮއްވައިލުމަކީ އާ ކަމެއް ކަމަށާއި، ރާއްޖޭގައި މިހާރު ކަންކަން ހުރި ގޮތަށް ބަލާއިރު ޖާނުން ފިދާވުމުގެ ހަމަލާއެއް ދީފާނެކަމުގެ ބިރުވެރިކަން ވެސް އެބައޮތްކަމަށް ވިދާޅުވެފައެވެ.
ދޮންބިލެތް އެފަދައިން ވިދާޅުވި އިރު ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ފުރަތަމަ ހައްޔަރުކުރި އަދުހަމް އަޙްމަދު ރަޝީދު ހުރީ ހަމަލާދިނުމަށް ޖާނުން ފިދާވާން ވެސް ތައްޔާރަށްކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވަނީ ވިދާޅުވެފައެވެ.








Comments