އިއްޒަތްތެރި މެންބަރު ޢީސަގެ މައްޗަށް އުފުލާފައިވާ ދަޢުވާގެ އަޑުއެހުން ކެންސަލްކޮށްފި
- ޙުސައިން އަޙުމަދު

- Aug 31, 2021
- 1 min read

ކެނދިކުޅުދޫ ދާއިރާގެ މަޖިލީސް މެންބަރު އަޙްމަދު ޢީސާގެ މައްޗަށް ތުހުމަތުކުރެވޭ ގެވެށި އަނިޔާގެ މައްސަލައިގައި އުފުލާފައިވާ ދަޢުވާގެ އަޑުއެހުން ކެންސަލްކޮށްފިއެެވެ.
އެ މައްސަލައިގެ އަޑުއެހުން ތާވަލްކޮށްފައި އޮތީ މިއަދު 09:00 އަށެވެ.
ނަމަވެސް މައްސަލަ ބައްލަވާ ގާޒީ ޙުސައިން ފާއިޒް ރަޝާދު ބަލިވެ އުޅުއްވާތީ ސަލާމުގައި ހުންނެވުމުން އަޑުއެހުން ކެންސަލްކޮށްފައިވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ.
މެންބަރު އަޙްމަދު ޢީސަގެ މައްޗަށް ދަޢުވާ އުފުލާފައިވަނީ އޭނާގެ ކުރީގެ އަންހެނުން އަސްރާ ނަސީމް ހުށަހެޅި މައްސަލައަކާއި ގުޅިގެންނެވެ.
އެ މައްސަލައިގައި އަސްރާ ބުނެފައިވަނީ، އަޙްމަދު ޢީސަ އޭނައަށް އަނިޔާކޮށްފައިވާ ކަމަށާއި، ގަދަކަމުން ދަރިފުޅު އަތުލައި ގޭގެ ބެލްކަނިން ބޭރަށް ވައްޓައިލާނެކަމުގެ އިންޒާރު ވެސް ދެއްވި ކަމަށެވެ. ހަމައެހެންމެ އަޙްމަދު ޢީސަގެ ފުށުން ތަކުރާރުކޮށް ގެވެށި އަނިޔާ ލިބޭކަމަށް ވެސް މައްސަލައިގައި ބުނެފައިވެއެވެ.
އެ މައްސަލައިގައި އަޙްމަދު ޢީސާގެ މައްޗަށް އުފުލައިފައި ވަނީ ޤާނޫނުލްޢުޤޫބާތުގެ 120 ވަނަ މާއްދާގެ (ހ) ގެ 01 ވަނަ ނަންބަރާ ހަވާލާދީ، އެ މާއްދާގެ (ށ) ގެ 02 ވަނަ ނަންބަރުގެ ދަށުން އަނިޔާއެއް ދިނުމުގެ ކުށުގެ ދަޢުވާއެވެ.








Comments