އިންޑިއާ އައުޓް ޕެޓިޝަނުގައި ޟަމީރު ސޮއިކުރެއްވުމުން އެމްޑީޕީ ރަތައް
- މާހިރު މުޙައްމަދު
- Oct 10, 2021
- 1 min read

”އިންޑިއާ މިލިޓަރީ އައުޓް“ ޕެޓިޝަނުގައި މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލަރު އަހުމަދު ޟަމީރު ސޮއިކުރެއްވި ޢަމަލު ކުށްވެރިކޮށް، އެ ސޮއި އަނބުރާ ނެންގެވުމަށް މައްޗަންގޮޅި މެދު ދާއިރާގެ އެމްޑީޕީ އޮފީހުން ގޮވައިލައިފިއެވެ.
ރާއްޖޭގައި ތިބި އިންޑިއާގެ އަސްކަރީ ސިފައިން ރާއްޖެއިން ބޭލުމަށްޓަކައި އިންޑިއާގެ ސަރުކާރަށް ހުށަހެޅުމަށް އިދިކޮޅު ކޯލިޝަނުން ޕެޓިޝަނެއްގައި ސޮއިކުރަން ފެށީ ސެޕްޓެމްބަރު 30 ވަނަ ދުވަހުގެރޭގައެެވެ.
އެ ޕެޓިޝަނުގައި ވަނީ މިއަދުގެ ސަރުކާރުން އިންޑިއާ ސަރުކާރާއެކު ސިއްރު އަސްކަރީ އެއްބަސްވުންތަކެއް ގާއިމުކޮށް، ރާއްޖޭގައި އިންޑިއާގެ އަސްކަރީ ބޭނުންތަކަށް ތަންތަން ދޫކޮށްފައިވަނީ ޤާނޫނުއަސާސީއާއި ޚިލާފަށް ކަމަށެވެ. އެ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ޑިމޮކްރަސީ ނިޒާމާއި، މުއައްސަސާތަކުން ރައްޔިތުންގެ ބާރުވެރިކަން ގެއްލި، ރާއްޖޭގެ ކަނޑުގެ ވަސީލަތްތަކުގެ މައްޗަށް ދިވެހިންގެ ސިޔާދަތީ ބާރުކެނޑި، މިނިވަންކަމަށް ބުރޫއަރާފައިވާތީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންނާއި ވަސީލަތްތައް ބޭލުމަށް ވެސް ޕެޓިޝަނުގައި ވަނީ އެދިފައެވެ.
ޕެޓިޝަނުގައި ޟަމީރު ވަނީ ސޮއިކުރައްވައިފައެވެ. އެކަން ކުށްވެރިކޮށް، މައްޗަންގޮޅި މެދު ދާއިރާގެ ރައީސް އަޙްމަދު ޝަޒީން ނެރުއްވި ބަޔާނުގައި ވަނީ، އެމްޑީޕީގެ ޓިކެޓުގައި ހުރެގެން ޕެޓިޝަނުގައި ސޮއިކުރުމަކީ ޕާޓީގެ އަސާސީ ގަވާއިދާއި، ދުރޫސުލް އަޚްލާގުގެ ހަމަތަކުން ބޭރުކަމެއް ކަމަށެވެ.
ހަމައެހެންމެ ޟަމީރުގެ އެ ޢަމަލަކީ އިދިކޮޅު ފަރާތްތަކަށް ވާގިވެރިވުމުގެ ގޮތުން ހިންގި ޢަމަލެއް ކަމަށާއި، އެމްޑީޕީގެ ޢާންމު މެންބަރުން ވެސް ޟަމީރުގެ ޢަމަލާމެދު ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށެވެ. ހަމައެހެންމެ ޟަމީރުގެ އެ ޢަމަލެއް ބަލައެއްނުގަނެވޭނެ ކަމަށާއި، ސޮއި އަނބުރާ ނެންގެވުމަށް ވެސް ގޮވައިލާފައިވެއެވެ.








Comments