ހުޅުލޭ ވައިގެ ބަނދަރުން ފުރައިގެންދާން އުޅުނު މަތިންދާ ބޯޓެއް ގޮއްވާލަން އުޅުނު- ޝަރީފް
- ޙުސައިން އަޙުމަދު

- Jun 29, 2021
- 1 min read

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހުޅުލޭ ވައިގެ ބަނދަރުން ފުރައިގެންދާން އުޅުނު މަތިންދާ ބޯޓެއް ގޮއްވާލަން ދީނީ ހަރުކަށި ފިކުރުގެ ބަޔަކު އުޅުނު ކަމުގެ ރިޕޯޓު ލިބުނު ކަމަށް އޭރުގެ ޑިފެންސް މިނިސްޓަރު އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ޝަރީފު ވިދާޅުވީ، ރައީސް ޔާމީންއަކީ އެމަނިކުފާނުގެ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގައިވެސް އަދި ދުނިޔޭގައިވެސް ހިނގަމުން އައި ކަންކަމަށް ވަރަށް ބޮޑަށް ފިކުރުކުރައްވަމުން ގެންދެވި ބޭފުޅެއް ކަމަށެެވެ.
އޭރުވެސް ރާއްޖޭގައި ހަމަނުޖެހުން އުފެއްދުމާއި އެކި ކަހަލަ ނުރައްކާތެރި ތުރެޓްސް ލިބެމުންދިޔަކަމަށާއި، އެގޮތުން މާލޭގެ ވައިގެ ބަނދަރުން ފުރައިގެންދާން އުޅުނު މަތިންދާ ބޯޓެއް ގޮއްވާލުމަށްޓަކައި، ހަރުކަށި ފިކުރުގެ ބަޔަކު މަސައްކަތް ކުރަމުންދާކަމުގެ މައުލޫމާތު ބޭރުގެ މުރުތަބައު ދެ ގައުމަކުން އޭރުގެ ސަރުކާރާއި ހިއްސާކުރި ކަމަށެވެ.
އެކަމާއި ގުޅިގެން ސްކްރީންކުރުމާއި، އެކްސްޕޯޓް ކުރެވޭ މުދަލާއި ލަގޭޖްތައް ސްކޭން ކުރުން ވަރުގަދަ ކުރެވުނު ކަމަށެވެ. ނަތީޖާއެއްގެ ގޮތުން މާތްﷲގެ ވާގިފުޅާއިއެކު އެފަދަ ކަމެއް ރާއްޖެެއަށް ކުރިމަތިނުވެ، ސަލާމަތް ކުރެވުނު ކަމަށެވެ. ޝަރީފް ވިދާޅުވީ، އޭރު އެޅި ފިޔަވަޅުތަކަކީ އެއީ ވަރަށް ރަނގަޅު ފިޔަވަޅުތަކެއް ކަމަށް ގަބޫލުކުރައްވާ ކަމަށާއި، އެފަދަ ހަމަލާއެއް ދޭން އުޅޭކަމުގެ މައުލޫމާތު ދިން ދެގައުމުން އެކަން ހޭންޑަލް ކުރިގޮތަށް ތައުރީފުކޮށް ސިޓީ ވެސް ފޮނުވާފައިވާ ކަމަށެވެ.
މާލޭގެ ވައިގެ ބަނދަރުން ފުރައިގެންދާ ފްލައިޓެއް ނުވަތަ މަތިންދާ ބޯޓެއް ގޮއްވާލުމަށްޓަކައި، ހަރުކަށި ފިކުރުގެ ބަޔަކު މަސައްކަތް ކުރަމުންދާކަމަށް މައުލޫމާތު އޭރު ލިބުނުކަން ޝަރީފު ހާމަކުރެއްވިއިރު ރައީސް ޔާމީންގެ ވެރިކަމުގައި ވައިގެ ބަނދަރުގައި ހަތިޔާރާއިއެކު ސިފައިން ހަރަކާތްތެރިވާން ފެށުމުން އާއްމުން ވަނީ އެކަމާއި ވަރަށް ބޮޑަށް ސުވާލު އުފައްދާފައެވެ.
އެހެން ނަމަވެސް އޭރު ސަރުކާރުގެ ފަރާތުން އެ މައުލޫމާތުތައް އާއްމުކޮށްފައެއް ނުވެއެވެ.








Comments