ހައިކޯޓުގެ ވަރުގަދަ އިންޒާރެއް ޕީޖީ ޝަމީމަށް
- މާހިރު މުޙައްމަދު
- Nov 16, 2021
- 2 min read

ސީލައިފް ގްލޯބަލް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) އަންހެން ކޮއްކޮ އާއި ދައްތަ ޖާމިނުކުރުމަށްފަހު ކަފާލާތުގެ ދަށުން ދޫކުރި މައްސަލަ ބަލަމުން ދަނިކޮށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމު އެކަމާ ގުޅޭ ގޮތުން ޓުވީޓު ކުރައްވައި ދެއްކެވި ފަދަ ވާހަކަތަކަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބަލައި ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް ހައި ކޯޓުގެ ހުކުމެއްގައި ބުނެފިއެވެ.
ކަފާލާތުގެ ދަށުން އައްމަޓީ ދޫކޮށްލީ އޭނާގެ އަންހެން ދައްތަ އާއި ކޮއްކޮ ޖާމިނުވާ ގޮތަށް މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. ކްރިމިނަލް ކޯޓުގެ އެ ހުކުމް ޕީޖީގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އިއްޔެ އެ މައްސަލަ ބެލުމަށްފަހު ހައި ކޯޓުން އައްމަޓީ ޝަރީއަތް ނިމެންދެން ބަންދުކުރިއިރު އިއްޔެގެ ވަގުތެއްގައި ޝަމީމު ޓުވީޓާ މެދުވެރިކޮށް ވިދާޅުވީ، އެއްފަހަރު ފިލައިގެން އުޅެފައި ހުރި މީހަކު، އަލުން ފިލުމުގެ ފުރުސަތު އޮންނާނެކަން އިންޑިއާގެ ސްޓޭޓްތަކުގެ ހައިކޯޓުތަކުގެ ފަނޑިޔާރުންނަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އެހާލަތުގައި އެންމެންގެ ވަގުތު ގެއްލޭނެތީ، އެމީހާ ކަފާލާތުގައި ދޫ ނުކުރެވޭނެ ކަމަށް އިންޑިއާގެ ހައި ކޯޓުތަކުގެ ފަނޑިޔާރުން ގަބޫލު ކުރައްވާ ކަމަށެވެ.
އިއްޔެ ހައި ކޯޓުން އައްމަޓީގެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި އިންނެވި ފަނޑިޔާރު ނިޔާޒުގެ ރައުޔުގައި ވިދާޅުވީ، ކޯޓުގައި ހިނގަމުންދާ މައްސަލައަކާ ގުޅުވައި، ކޯޓުން ބޭރުގައި ދައުލަތުގެ ކަމަކާ ހަވާލުވެ ހުންނެވި ފަރާތަކުން ދައްކާފައިވާ ވާހަކަތަތަކީ ޑިމޮކްރެޓިކް މުޖުތަމައުތަކުގައި ބަލައިގަންނާނެ ވާހަކަތެއް ނޫން ކަމަށެވެ.
ފަނޑިޔާރު ނިޔާޒު ވިދާޅުވީ، މައްސަލައެއްގައި ހިމެނޭ ފަރާތްތަކުން ދައްކާ ވާހަކަތަކާއި ހުށަހަޅާ ހުށަހެޅުންތަކުގެ މައްޗަށް ބިނާކޮށް، ފަނޑިޔާރަކު ގާނޫނީ އަމިއްލަ އިހުތިޔާރުގައި، ގާނޫނީ އިމުގެ ތެރެއިން ނިންމާ ނިންމުންތަކަކީ ގޯސް ނިންމުންތަކެއް ކަމަށް ދެކޭ މީހާ އިސްތިއުނާފު ކުރުމުގެ އުސޫލުގެ ބޭރުން، ފަނޑިޔާރުން ފަލީހަތް ކުރާ ގޮތަށް ވާހަކަ ދައްކައި އެކަން މުޖުތަމައުން ގަބޫލު ކުރުވުމަށް މަސައްކަތް ކުރުމަކީ "ރަނގަޅު ފާލެއް" ކަމަށް ގަބޫލު ނުކުރެވޭނެ ކަމަށެވެ.
ފަނޑިޔާރުންގެ ކުރިމަތީގައި މައްސަލައިގެ ހިމެނޭ ދެ ފަރާތް ތިބޭއިރު އަބަދުވެސް ކޮންމެ ވެސް އެއްފަރާތަކުން ފަނޑިޔާރުގެ ނިންމުމާ މެދު ދެކޭނީ އަނެއް ފަރާތުން ދެކޭ ގޮތާ ހިލާފަށް ކަމަށާއި ބައެއް ފަހަރު ފަނޑިޔާރުންގެ ނިންމުމަކީ ރަނގަޅު ނުވަތަ ގޯސް ވިޔަސް އެއީ ކަނޑައެޅިގެން ބޭއިންސާފުން ނިންމި ނިންމުމެއް ކަމަށް ދެއްކުމަށް އުޅުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ފަނޑިޔާރު ނިޔާޒު ވިދާޅުވިއެވެ. އަދި އިސްތިއުނާފު ކުރުމުގެ އުސޫލުގެ ބޭރުން ފަނޑިޔާރުން ފަލީހަތް ކުރަން އުޅޭ ގޮތަށް ވާހަކަ ދެއްކުމަކީ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށާއި ފަނޑިޔާރެއްގެ ކުރިމައްޗަށް ގޮތެއް ނިންމުމަށް ހުށަހެޅިފައިވާ ކަންކަމާ މެދު އާންމު ތަނެއްގައި ކޮމެންޓު ކުރުމަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ މައްސަލައެއް ކަމަށް ބަލައި ފިޔަވަޅު އަޅަންޖެހިދާނެ ފަދަ ކަމެއް ކަމަށް ވެސް ނިޔާޒު ވިދާޅުވިއެވެ.
ފަނޑިޔާރުގެ ނިޔާޒުގެ ރައުޔަށް ފަނޑިޔާރު އަބްދުﷲ ހަމީދު ވަނީ ތާއީދު ކުރައްވައިފައެވެ. ރައުޔަށް ތާއިދު ނުކުރެއްވީ ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާއެވެ. މި މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާއެވެ.








Comments