ހައިކޯޓުގެ އަމުރު: އޮފިސަރުން ވަޒީފާއިން ވަކިކުރުން މަޑުޖައްސާ
- މާހިރު މުޙައްމަދު
- Oct 20, 2021
- 1 min read

ފުލުހުންގެ އާއު ޤާނޫނުގެ ދަށުން ވަޒީފާއިން ވަކިކުރަން ނިންމާފައިވާ ފުލުހުންގެ ހަތް އޮފިސަރުންގެ ތެރެއިން 3 އޮފިސަރަކު ވަޒީފާއިން ވަކި ކުރުން މަޑުޖައްސާލުމަށް ހައި ކޯޓުން އަމުރުކޮށްފިއެވެ.
ފުލުހުންގެ ޤާނޫނުގެ ދަށުން އުފެދުނު ޕޮލިސް ބޯޑުގެ ލަފައާ އެކު، ފުލުހުންގެ އިސް 7 އޮފިސަރަކު ވަޒީފާއިން ވަކިކުރަން ނިންމުމުން އޭގެ ތެރެއިން 5 އޮފިސަރަކު ވަނީ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފައެވެ.
އެ މައްސަލަ ސިވިލް ކޯޓުން ނިމެންދެން، އެ މީހުން ވަޒީފާއިން ވަކިކުރަން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރުމުގެ އަމުރަކަށް އެދުނަސް، އެ ކޯޓުން ނިންމާފައި އޮތީ އެފަދަ އަމުރެއް ނެރެނުދިނުމަށެވެ.
އެކަމާއި ގުޅިގެން އޮފިސަރުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. އެ މައްސަލައިގައި މިއަދު ހައިކޯޓުގައި އޮތް އަޑުއެހުމުގައި މައްސަލަ ބައްލަވާ ފަނޑިޔާރު ވަނީ، ވަޒީފާއިން ވަކިކުރަން ނިންމި އޮފިސަރުންގެ ތެރެއިން ސުޕްރިންޓެންޑެންޓް ޝަރީފާއި، ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމްގެ އިތުރުން ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު ވަޒީފާއިން ވަކިކުރުން މަޑުޖައްސައިލުމަށް އަމުރު ކޮށްފައެވެ.
އެހެން ނަމަވެސް މިހާރު ވަޒީފާއިން ވަކި ކޮށްފައިވާ ޖަމްޝީދާއި އަހުމަދު މުހައްމަދުގެ މައްސަލަ އާއި ގުޅިގެން އެއްވެސް އެންގުމެއް ހައި ކޯޓުން އަންގާފައި ނުވެއެވެ.








Comments