https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ބިލު ތަސްދީގުކުރައްވައިފި

  • މާހިރު މުޙައްމަދު
  • Nov 18, 2021
  • 1 min read

ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރައްވައިފިއެވެ.


މި ބިލަކީ ރާއްޖޭގައި ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާއި ކުއްޔަށްހިފުމާ ގުޅޭގޮތުން ކުއްޔަށްހިފާ ފަރާތާއި، ކުއްޔަށްދޭ ފަރާތުގެ ހައްގުތަކާއި އިލްތިޒާމްތައް ބަޔާންކުރުމާއި، ދިރިއުޅުމަށްޓަކައި ކުއްޔަށްދޭ ތަންތަނުގައި ހުންނަންޖެހޭނެ އަސާސީ މިންގަނޑުތައް ކަނޑައެޅުމާއި، ކުލީގެ މުއާމަލާތްތަކާ ގުޅިގެން އުފެދޭ ދެބަސްވުންތައް ހައްލުކުރުމުގައި ޢަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމުގެ ބިލެކެވެ. މި ބިލުގެ މަގްސަދުތަކުގެ ތެރޭގައި ކުއްޔަށްހިފާ ފަރާތާ ކުއްޔަށްދޭ ފަރާތުގެ ހައްގުތައް ބަޔާންކުރުމާއި ދިރިއުޅުމަށްޓަކައި ކުއްޔަށްދޭ ތަންތަނުގައި ހުންނަންޖެހޭނެ އަސާސީ މިންގަނޑުތައް ކަނޑައެޅުމާއި ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމުގައި އަމަލުކުރަންޖެހޭނެ އުސޫލުތައް ކަނޑައެޅުން ހިމެނެއެވެ. މީގެ އިތުރުން ދިރިއުޅުމަށްޓަކައި ކުއްޔަށްދޭ ތަންތަނާއި، އެ ތަންތަނުގެ ކުއްޔާއި، އެ ތަންތަނުގެ ހާލަތާ ގުޅިގެން، ނުވަތަ އެނޫންވެސް ކަމަކާ ގުޅިގެން އުފެދޭ މައްސަލަތަކާއި ޝަކުވާތައް އަވަސް ގޮތެއްގައި ބަލައި ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމުކުރުން ވެސް މި ބިލުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ. މިބިލު ހިންގޭނެ ދާއިރާތަކަކީ ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމުގައި އަމިއްލަ ފަރާތްތަކުގެ މެދުގައި ކުރެވޭ މުއާމަލާތްތަކުގެ މައްޗަށާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ދަށުން އެކި ފަރާތްތަކާ ހަވާލުކުރެވޭ ތަންތަނާގުޅޭ މުއާމަލާތްތަކުގެ މައްޗަށްކަމުގައި ބިލުގައި ބަޔާންކޮށްފައިވެއެވެ. ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ބިލު (ނަމްބަރު:2021/21) ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގުކުރެއްވުމާ ގުޅިގެން މި ގާނުނު ވަނީ ގެޒެޓްގައި ޝާއިއުކުރައްވާފައެވެ. މި ގާނޫނަށް އަމަލުކުރަން ފެށުމަށް ކަނޑައަޅާފައި ވަނީ މި ގާނޫނު ފާސްވެ، ތަސްދީހުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެންނެވެ. މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2002/1) ގެ 28 ވަނަ މާއްދާއާއި ”ގޯއްޗާއި ގޯތީގައި ހަދާ އިމާރާތް ކުއްޔަށް ދިނުމާބެހޭ ގަވާއިދު“ ގައި ދިރިއުޅުމަށް ކުއްޔަށްދިނުމާ ގުޅޭގޮތުން ހިމަނާފައިވާ އެންމެހައި މާއްދާތައް އުވިގެންދާނެއެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page