”ދިޔަރެސް“ ނޫހަށް ފިޔަވަޅު އަޅައި ދިނުމަށް އިންޑިޔާ ސަރުކާރުން އެދިއްޖެ
- ޙުސައިން އަޙުމަދު

- Jun 30, 2021
- 1 min read

އިންޑިއާ އާއި ދެކޮޅަށް ވާހަކަ ދައްކާ ފަރާތްތަކާއި، ހަބަރުތައް ގެނެސްދޭ ނޫސްތަކާއި މެދު ފިޔަވަޅު އަޅައި ދިނުމަށް އެދި އިންޑިއާ އެމްބަސީއިން ރާއްޖޭގެ ފޮރިން މިނިސްޓްރީ އަށް ސިޓީއެއް ފޮނުވައިފިއެވެ.
މައުލޫމާތު ލިބިފައި ވާގޮތުގައި އިންޑިއާ އެމްބަސީއިން މިފަދަ ސިޓީއެއް ފޮނުވާފައި މިވަނީ، ”ދިޔަރެސް“ ނޫހުގައި އިންޑިއާ އާއި ދެކޮޅަށް ހަބަރުތައް ގެނެސްދެމުން ދިއުމާއި ގުޅިގެންނެވެ.
މިކަމާއި ގުޅިގެން ސަރުކާރުގެ އޮފިޝަލަކާއި ހަވާލާދީ ދިޔަރެސް ނޫހުގައި ބުނެފައިވަނީ، ހައިކޮމިޝަނުން އެދިފައި ވަނީ އިންޑިއާ ހައިކޮމިޝަނާއި، ހައިކޮމިޝަނުގެ އިސްވެރިންނާއި މުވައްޒަފުންގެ އަބުރާއި ކަރާމާތަށް އުނިކަން އަންނަ ގޮތަށް ރާއްޖޭގެ ނޫސްތަކުގައި އާއި، މީސް މީޑިއާގައި ޝުއޫރު ފާޅުކުރަމުންދާކަން މިނިސްޓްރީގެ ސަމާލުކަމަށް ގެންނަން ބޭނުންވާ ކަމަށެވެ. އަދި މިއީ ވަރަށް ބޮޑަށް ރޭވިގެން، ޒާތީގޮތުން ދެމުންދާ ”ހަމަލާ“ ތަކެއްގެ ގޮތުގައި އިންޑިއާ ހައިކޮމިޝަނުން ސިފަކޮށްފައިވާ ކަމަށް އެ ނޫހުގައި ވެއެވެ.
ދައުރުވަމުން އަންނަ ސިޓީގައި ބުނެ އިންޑިއާ ހައިކޮމިޝަނުން ބުނެފައިވާ ގޮތުގައި، އެ ”ހަމަލާ“ ތަކަކީ އިންޑިއާ ސަރުކާރާއި، ރައްޔިތުންނާއި ދެމެދު ދިވެހިންގެ މެދުގައި ނަފްރަތު އުފެއްދުމަށް ކުރާކަމެއްގެ ގޮތުގައި ދެކޭކަމަށެވެ. އަދި މިފަދަ ”ހަމަލާ“ ތަކުގެ ސަބަބުން އިންޑިއާ ހައިކޮމިޝަންގެ މަސައްކަތަށް ހުރަސް އެޅޭ ކަމަށާއި އަދި ރާއްޖެ އާއި އިންޑިއާ އާއި ދެމެދު އޮތް ގާތް ގުޅުމަށް ބުރޫއަރާނެކަމަށެވެ.

ސިޓީގައި އިތުރަށް ބުނެފައިވަނީ، އިންޑިއާ ހައިކޮމިޝަނާއި، ޑިޕްލޮމެޓުން އުޅޭ ތަންތަނުގެ ސެކިއުރިޓީ ވަރުގަދަ ކޮށް އެމީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށާއި، އިންޑިއާ އާއި ދެކޮޅު ހިޔާލާއި ޝުއޫރު ފާޅުކުރާ ފަރުދުންނާއި ނޫސްތަކަށް ފިޔަވަޅު އަޅައި ދިނުމަށެވެ.
މިއީ ރާއްޖޭގެ ނޫހަކާއި ދެކޮޅަށް ފިޔަވަޅު އަޅަން ބޭރުގެ އެމްބަސީއަކުން ދިވެހި ސަރުކާރަށް ލިޔުމުން އެންގި ފުރަތަމަ ފަހަރުވެސް މެއެވެ.








Comments