ފްލައިމީއިން މި މަހު ބެންގަލޫރަށް ދަތުރުތައް ފަށަނީ
- މާހިރު މުޙައްމަދު
- Sep 11, 2021
- 1 min read

ވިލާ އެއަރގެ ފްލައިމީ އިން އިންޑިޔާގެ ބެންގަލޫރަށް ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.
ވިލާ އެއަރގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ނާޝިދު ވިދާޅުވީ، ފްލައިމީ އިން އިންޑިޔާގެ ބެންގަލޫރަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށެވެ.
ސެޕްޓެމްބަރ 26 އިން ފެށިގެން އދ. މާމިގިލިން ސީދާ ދަތުރުތައް އިންޑިޔާގެ ބެންގްލޫރަށް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންއަންނަކަމަށް ނާޝިދު ވިދާޅުވިއެވެ.
މިފަދަ ދަތުރުތަކެއް ރޭވުމުގެ އެންމެ ބޮޑު މަޤްޞަދަކީ އަރިއަތޮޅުގެ ރިސޯޓްތަކަށް އަންނަ ފަތުވެރިން، ރިސޯޓްތަކަށް ދިއުމުގައި އިތުރު ފަސޭހަތަކެއް ހޯދައިދިނުންކަމަށް ނާޝިދު ވިދާޅުވިއެވެ. މީގެ ސަބަބުން އަތޮޅުގެ ފަތުރުވެރިކަން ކުރިއަރާނެކަމަށާއި ވަޒީފާގެ ފުރުޞަތުތައްވެސް އިތުރުވެގެންދާނެ ކަމަށް ނާޝިދު ވިދާޅުވިއެވެ. ރާއްޖެ އަންނަ ގިނަ ޢަދަދެއްގެ ފަތުވެރިންނަކީ އިންޑިޔާ އަދި ޗައިނާގެ ފަތުރުވެރިންނެވެ. އަދި މި ފަތުރުވެރިންނަކީ ދެތިން ދުވަހަށް އަންނަ ބައެކެވެ. ވިލާ އެއަރގެ ސީދާ ދަތުރުތައް އިންޑިޔާއިން މާމިގިއްޔަށް ފެށުމުން އިންޑިޔާ އަދި ޗައިނާގެ ފަތުރުވެރިންގެ ވަގުތު ސަލާމަތް ވާނެކަމަށްވެސް ނާޝިދު ވިދާޅުވިއެވެ. ނާޝިދު ވިދާޅުވީ މިއީ އަދި ފެށުން ކަމަށާއި މުސްތަޤްބަލުގައި އިތުރު މަންޒިލްތަކަށް ދަތުރުތައް ފެށުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ. މިދަތުރުތަކުގައި ބޭނުންކުރާނީ އޭޓީއާރް 600-72 ބޯޓެވެ. މިދަތުރުތަކުގެ ޓްރެވެލް އޭޖެންޓެއްގެ ގޮތުގައި އެއަލައިން އިންޑަސްޓްރީގައި 40 އަހަރުގެ ތަޖުރިބާ ލިބިފައިވާ އިންޑިޔާގެ ނިޖަވާން ގްރޫޕް ބައިވެރިވެއެވެ. 2011 ވަނަ އަހަރު އޮޕަރޭޓްކުރަންފެށި ފްލައިމީގައި އޭޓިއާރް މަރުކާގެ 4 މަތިންދާ ބޯޓު މިވަގުތު އެބައޮތެވެ. އޭގެ ތެރޭގައި ހިމެނެނީ..
72 ގޮނޑީގެ އޭޓީއާރް 600-72 ބޯޓާއި
68 ގޮނޑީގެ އޭޓީއާރް 500-72ގެ 2 ބޯޓާއި
48 ގޮނޑީގެ އޭޓީއާރް 500-42 ބޯޓެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 4 ވަނަ ދުވަހު ސްރީލަންކާއަށް ކުރި ދަތުރާއެކު، ފްލައިމީގެ ބައިނަލްއަގްވާމީ ދަތުރުތައްވެސް ވަނީ ފަށާފައެވެ.
ފްލައިމީން ބައިނަލްއަގްވާމީ ދަތުރުތައް މި ފެށީ، އެއާ އޮޕަރޭޝަން ސެޓްފިކެޓް (އޭއޯސީ) ލިބުމާ އެކުގައެވެ.








Comments