ދަރިވަރާއި ބެހުނު މުދައްރިސްގެ ސަސްޕެންޝަން އުވައިލައިފި
- މާހިރު މުޙައްމަދު
- Aug 4, 2021
- 1 min read

ރ.މަޑުއްވަރީ ސުކޫލުގައި ތަޢުލީމު ހާސިލުކުރަމުންދާ ޢުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި ކަމަށް ބުނާ މައްސަލައާއި ގުޅިގެން ސަސްޕެންޑްކުރި މުދައްރިސްގެ ސަސްޕެންޝަން އުވާލައިފިއެވެ.
މި އަހަރުގެ މާޗުމަހުގެ 03 ވަނަ ދުވަހުގައި މަޑުއްވަރިން ކުޑަ ކުއްޖަކު ރޭޕްކުރިކަމަށް ބުނާ މި މައްސަލަ ފެންމަތިވެފައިވާ އިރު، މައްސަލަ ފުލުހަށް ހުށަހެޅީ އެ މަހުގެ 11 ގައެވެ.
މައްސަލައިގައި ތުހުމަތުކުރެވޭ މުދައްރިސް، މުއީން ޙަސަން ސަސްޕެންޑްކުރީ އޭޕްރީލްމަހުގައެވެ.
3 މަސްދުވަހުގެ ސަސްޕެންޝަނަކަށް ފަހު، އޭނާގެ ސަސްޕެންޝަން އުވައިލީ ހުސްވި ޖުލައި މަހުގައި ކަމަށް މަޢުލޫމާތު ދެމުން މުއީން ބުނެފައިވެއެވެ. އެ ގޮތުން މަދަރުސާތަކުގެ ކިޔެވުން ފެށުމުން ކިޔަވައިދިނުމުގެ ހުއްދަ އެޑިއުކޭޝަނުން ދީފައިވާ ކަމަށް ވެސް މުއީން ބުންޏެވެ.
މުއީން ބުނާގޮތުގައި އޭނާގެ މައްޗަށް ކޮށްފައިވަނީ ދޮގު ތުހުމަތެކެވެ. އަދި އޭނާއަކީ އެފަދަކަމެއް ކުރާނެ މީހެއްނޫންކަމަށް ވެސް މުއީން ބުންޏެވެ. މުއީން ބުނާގޮތުގައި މިހާތަނަށް ފުލުހުން އޭނާއާއި އެއްވެސް ސުވާލެއްކޮށްފައެއް ވެސް ނުވެއެވެ.
މާޗުމަހުގެތެރޭގައި އެޗްއާރްސީއެމްއިން ވަނީ، މެދު ރާއްޖެތެރޭ ރަށެއްގައި ހިނގި ކުޑަ ކުއްޖަކަށް ޖިންސީ އަނިޔާކުރުމުގެ ހާދިސާއާއި ގުޅިގެންއެކަމާ ގުޅުން ހުރި މަޢުލޫމާތު ހޯދައި، ދައުލަތުގެ މުއަައްސަސާތަކުން މަސައްކަތް ކުރަމުންދާ ގޮތް މޮނިޓަރކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބުނެފައެވެ.








Comments