https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ކަރަންޓުގެ ސިނާއަތައް ކަނބަލުން ނެރެނީ

  • މާހިރު މުޙައްމަދު
  • Aug 16, 2021
  • 2 min read

ސްޓެލްކޯއަކީ ކަރަންޓުގެ ސިނާއަތައް ކަނބަލުންނެރޭ އަދި އިތުރު ކަނބަލުން އެ ސިނާއަތައް ނިކުތުމަށް ހިތްވަރުދޭ ކުންފުންޏެއް ކަމަށް މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ މިއަދު ވިދާޅުވެއްޖެއެވެ.


ކަރަންޓުގެ ސިނާއަތުގައި ކަނބަލުންގެ ދައުރު އިތުރުކުރުމަށް ސްޓެލްކޯއިން ކަނބަލުންނަށް ހާއްސަކޮށްގެން ހިންގި ނޭޝަނަލް ސެޓިފިކެޓް 3 އިން އިލެކްޓްރީޝަން ކޯހުގައި ޖުމްލަ 20 ފަރާތަކުން ބައިވެރިވި ނަމަވެސް، ކޯވިޑާއި ގުޅިގެން ކުރިމަތިވި ހުރަސްތަކާއެކު އެ ކޯސް ފުރިހަމަ ކުރެވިފައި ވަނީ މީގެ ތެރެއިން 10 ބައިވެރިއަކަށް ކަމަށް އެ ކުންފުނިން ފާހަގަކުރިއެވެ.


އެހެން ނަމަވެސް އޭގެ ތެރެއިން ދަސްވެނިވެފައި ވަނީ 8 ބައިވެރިއެކެވެ.


ކޯހުގެ ނިންމުން ފާހަގަކޮށް، ދަސްވެނިވި ފަރާތްތަކަށް ސެޓިފިކެޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މުޣުނީ ވިދާޅުވީ ކޯސް ނިންމި ހުރިހާ ބައިވެރިންގެ ހިތްވަރު ފާހަގަކޮށް މަރުހަބާ ދަންނަވާ ކަމަށާއި، އަންހެނުންނަށް ހާއްސަކޮށްގެން ފުރަތަމަ ފަހަރަށް ހިންގި އެކޯހުގެ ބައިވެރިންނަކީ ތާރީހުގައި ލިޔެވިގެންދާނެ ބައެއް ކަމަށެވެ.


"އެނގިވަޑައިގަންނަވާނެ ފަދައިން ސްޓެލްކޯއަކީ މަސައްކަތްތެރި ޒުވާނުންތަކެއްގެ ހިދުމަތް ގައުމަށް ފޯރުކޮށްދޭ މުހިއްމު ޒިންމާތަކެއް އަދާ ކުރަމުންދާ ކުންފުންޏެއް. ތާރީހީ ގޮތުން ބަލާނަމަ މި ސިނާއަތަކީ ފިރިހެނުން މަސައްކަތް ކުރަމުން ގެންދިޔަ ސިނާއަތެއް. އެހެން ނަމަވެސް މިއަދުގެ މެނޭޖްމަންޓާއެކު، މިކުންފުނި ވެފައިމިވަނީ މި ސިނާއަތައް އަންހެނުން ނިކުތުމަށް ހިތްވަރުދޭ ކުންފުންޏަކަށް،" މުޣުނީ ވިދާޅުވި އެވެ.


އަދި މިއަދު ކޯސް ފުރިހަމަ ކުރި ހުރިހާ ބައިވެރިންނަކީ ހަމަ އެކަނި ސްޓެލްކޯގެ މުވައްޒަފުންނަށް ނުވުމަކީ ވެސް މި ސިނާއަތުގައި މަސައްކަތް ކުރަން ޝައުގުވެރިވާ އަދި 2 ޖިންސްގެ ޒުވާނުންނަށް ވެސް ސްޓެލްކޯއަކީ ހުޅުވާލެވިފައިވާ މުއައްސަސާއެއްކަން ހާމަވާ ކަމެއް ކަމަށް ވެސް މުޣުނީ ވިދާޅުވި އެވެ.


މީގެ އިތުރުން މިކޯހުން ދަސްވެނިވި ފަރާތްތަކަކީ ހައުސް ވަޔަރިން ސެޓެފިކެޓް ހޯދުމުގެ ޝަރުތުހަމަވާ އަދި އެ ދާއިރާއިން އާމްދަނީ ހޯދުމުގެ ފުރުސަތު ވެސް ތަނަވަސްވެފައިވާ ބައެއް ކަން މުޣުނީ ވަނީ ފާހަގަކުރެއްވިއެވެ.


"ސަރުކާރުން މީހުން ބިނާކޮށް އިންސާނީ ވަސީލަތްތައް ބިނާކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. މަތީ ތައުލީމު ފޯރުކޮށްދިނުމާއި، ހާއްސަކޮށް، ފަންނީ ދާއިރާތަކުން މީހުން ބިނާކުރުމަށް ކުރައްވާ މަސައްކަތްޕުޅު ފާހަގަކޮށްލަން. އަޅުގަނޑުގެ އުމްމީދަކީ މި އަހަރު ނިމުމުގެ ކުރިން އިތުރު ފުރުސަތުތަކާއެކު، މިކޯހުގެ އިތުރު ބުރެއް މިކުންފުނީގެ ފެށިގެން ދިއުން،" މުޣުނީ ވިދާޅުވި އެވެ.


މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރުދާއިރާގެ މެންބަރު ޖީހާން މަހުމޫދު ވިދާޅުވީ، އެކޯސް ފުރިހަމަ ކުރި ފަރާތްތަކަށް އަމިއްލަ ނަމުގައްޔާ މަޖިލީހުގެ ނަމުގައި މަރުހަބާ ދަންނަވާ ކަމަށެވެ.


މިފަދަ މަސައްކަތްތަކަކީ އަންހެނުންގެ ބައިވެރިވުން ކުޑަ މަސައްކަތްތަކެއްގެ ގޮތުގައި ފާހަގަ ކުރެވޭ މަސައްކަތްތަކެއް ކަމަށާއި، އެހެން ނަމަވެސް، މިއަދު މިކޯސް ނިންމި ކަނބަލުން ވެގެންދާނީ މުސްތަގުބަލުގައި މި ދާއިރާއަށް ނިކުންނަށް ބޭނުންވާ އަންހެނުންނަށް ހިތްވަރަކަށް އަދި ބިންގަލަކަށް ކަމަށެވެ.


"މިއީ 2 ވަނަ ފަހަރު އަޅުގަނޑަށް ސްޓެލްކޯގެ މިފަދަ ހަފްލާއަކަށް ދައުވަތު ލިބުނު. މި ބިލްޑިންގ އަށް އަޅުގަނޑަށް ވަދެފައި ނިކުމެވެނީ ފަހުރުވެރިކަމާއެކު، އެއީ ކޮންމެ ފަހަރަކުވެސް އަޅުގަނޑަށް ބައިވެރިވެވެނީ ސްޓެލްކޯއިން އަންހެނުން ބާރުވެރިކުރުމަށް ކުރާ ކޮންމެވެސް މަސައްކަތެއްގައި،" ޖީހާން ވިދާޅުވި އެވެ.


ކޯސް ނިންމި ބައިވެރިންގެ ފަރާތުން މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަރިޔަމް ލަޔާލް ވިދާޅުވީ، މި ދާއިރާގައި މަސައްކަތް ކުރާ މީހެއްގެ ހައިސިއްޔަތުން އެކޯހުގައި ބައިވެރިވީ އެކަމަށް ހުންނަ ޝައުގެއްގެ ބޮޑުކަމުން ކަމަށާއި، އެމަސައްކަތުގެ ހުނަރު އިތުރަށް ބިނާ ކުރުމުގެ މަގުސަދުގައި ކަމަށެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page