ސިވިލް ކޯޓުގެ ޤާޟީއަށް ފިޔަވަޅު އަޅަން ނިންމައިފި
- މާހިރު މުޙައްމަދު
- Sep 22, 2021
- 0 min read

ސިވިލް ކޯޓުގެ ޤާޟީ ޢަލީ ނަޞީރާމެދު ސުލޫކީ ފިޔަވަޅު އަޅަން ނިންމައިފިއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިރޭ ބުނީ، އެ ކޮމިޝަނުން ތަޙްޤީޤު ކުރި، ޤާޟީ ޢަލީ ނަޞީރުގެ ސުލޫކީ މައްސަލަ ތަޙްޤީޤުކޮށް ނިންމައި، ނިމުނު ގޮތުގެ ރިޕޯޓު ކޮމިޝަނަށް ހުށަހަޅައި، މިއަދު ބޭއްވި މި އަހަރުގެ 72 ވަނަ ޖަލްސާގައި، ޤާޟީ ޢަލީ ނަޞީރާމެދު ސުލޫކީ ފިޔަވަޅު އަޅަން ނިންމާފައި ކަމަށެވެ. ޖޭއެސްސީން ބުނީ ސިވިލް ކޯޓުގެ ދެ ޤަޟިއްޔާއެއްގައި ހިމެނޭ ޚަޞްމުން، ދެ ޤަޟިއްޔާއެއް އެއްކޮށް ނިންމުމަށް އެދެމުން ދަނިކޮށް، އޭގެ ތެރެއިން އެއް ޤަޟިއްޔާ އިތުރަށް ކުރިއަށް ގެންދިއުމުގެ މަސްލަހަތެއް މި ވަގުތު ނެތްކަމަށް ޤާޟީ ޢަލީ ނަޞީރު ކަނޑައެޅުއްވި ކަމަށެވެ. އަދި އެ ޤަޟިއްޔާގެ ދައުވާ ފޯމު ބާތިލްކޮށް، ހުކުމްކުރެއްވީ އެ ޤަޟިއްޔާގެ މައުޟޫޢަށް ހުކުމްކުރެއްވުގެ ބަދަލުގައި، އަހަރު ދުވަސްވެފައިވާ މައްސަލައެއް ޤާޟީގެ ސެކްޝަނުގައި ނުބޭއްވުމުގެ މަގުސަދުގައިކަން ތަޙްޤީޤުގައި ސާބިތުވެފައިވާކަމަށް ވެސް ޖޭއެސްސީން ބުންޏެވެ. ޖޭއެސްސީން ބުނީ، ކޯޓަށް ހުށަހެޅިފައިވާ ކަންކަމާމެދު ފައިސާލާކޮށް ގޮތެއް ނިންމެވުމުގެ ބަދަލުގައި، ވަކި މުއްދަތެއްވީ މައްސަލައެއް ފަނޑިޔާރުގެ އަތުގައި ނުބޭއްވުމުގެ މަގުސަދުގައި މައްސަލައިގެ ޚަޞްމުން އެދިފައިނުވާ ގޮތެއްގެ މައްޗަށް މައްސަލައިގައި ޙުކުމްކޮށް މައްސަލަ ކޯޓުން ނުބަލައި ބޭރުކުރުމަކީ ޢަދުލުއިންސާފު ގާއިމުކުރުމުގެ އަސާސީ އުސޫލުތަކާއި ޚިލާފުކަމެއް ކަމަށެވެ. އަދި އެއީ ފަނޑިޔާރުގޭގެ މުގައްދަސްކަމާއި، އިތުބާރަށް އެކަމުގެ ސަބަބުން އަސަރުކޮށް، ނާޖާއިޒު ގޮތުގައި ކޯޓުގެ ނިންމުންތައް ބޭނުންހިފުމުގެ ފުރުސަތު މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ހުޅުވިގެންދާ ފަދަ ކަމެއްކަމަށް ވެސް ޖޭއެސްސީން ބުންޏެވެ. އެހެންކަމުން ޤާޟީ ޢަލީ ނަޞީރުގެ މި ޢަމަލަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 3.1 ވަނަ ނަންބަރާއި ޚިލާފު ޢަމަލެއްކަމަށް ތަޙްޤީޤުގައި ނިންމާފައިވާކަމަށް ވެސް ޖޭއެސްސީން ބުންޏެވެ. އެހެންކަމުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ 1-32 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ޤާޟީ ޢަލީ ނަޞީރު ހުރި މަޤާމަށްވުރެ ދަރަޖަ ދަށްކުރުމުގެ ގޮތުން، މެޖިސްޓްރޭޓް ކަމުގެ މަގާމަށް ބަދަލުކުރުމަށް މިއަދު ނިންމާފައިވާކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.








Comments