ބަޔަކު ރައީސް ޔާމިނަށް ފާރަލަމުންދާތީ ފުލުހަށް މައްސަލަ ހުށަހަޅައިފި
- މާހިރު މުޙައްމަދު
- Aug 29, 2021
- 1 min read

ކުރީގެ ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމަށް ބަޔަކު ފާރަލަމުންދާކަމަށާއި، އެ މަނިކުފާނަށް ހަމަލާއެއް ދީފާނެކަމުގެ ބިރު އެބައޮތްކަމަށް، އެ މަނިކުފާނުގެ ވަކީލުން ވިދާޅުވެއްޖެއެވެ.
ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ކައިރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޔާމިންގެ ވަކީލު އާދަމް ޝަމީމް ވިދާޅުވީ، ރައީސް ޔާމިނަށް ބަޔަކު ފާރަލަމުންދާ ކަމަށާއި، އެ މަނިކުފާނަށް ހަމަލާއެއް ދީފާނެކަމުގެ ބިރު އެބައޮތް ކަމަށެވެ.
އެ މަނިކުފާނުގެ ޒަޢާމަތުގައި އެ މަނިކުފާނުގެ ގެކޮޅަށް ޓެރަރިސްޓު ހަމަލާއެއް އަމާޒުވުމާއި ގުޅިގެން ކިރިޔާ ސަލާމަތްވެވަޑައިގެންނެވި ބޭފުޅެއް ކަމަށެވެ. އަދި މި ދަނޑިވަޅުގައި ރައީސް މުޙައްމަދު ނަޝީދަށް އެފަދަ ހަމަލާއެއް ދެވުމުން ސަލާމަތްވެވަޑައިގެންނެވީ ކިރިޔާ ކަމަށާއި، އެ ގޮތުން ރައީސް ޔާމިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެ މައްސަލަ ފުލުހަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.
”ރައީސް ޔާމިންގެ ގެކޮޅު ކައިރީގައި ގޮތް ނޭނގޭ ބަޔަކު ފޮޓޯތަކެއް ނުވަތަ ވީޑިއޯތަކެއް ނެގި މަންޒަރު މީގެ ކުރިންވާނެ މީޑިއާގައި ދައުރުވެފައި. އެ މައްސަލަ އަޅުގަނޑުމެން މިއަދު ފުލުހަށް ހުށަހެޅީ.“ ޝަމީމް ވިދާޅުވިއެވެ.
މާފުށީ ޖަލުގައި ކޯވިޑް ފެތުރެމުންދާތީ މިދިޔަ ރޯދަމަހުގައި ރައީސް ޔާމިން ވަނީ ގެއަށް ބަދަލުކޮށްފައެވެ. އެ މަނިކުފާނަށް އިއްވާފައިވާ 5 އަހަރު ދުވަހުގެ ޖަލު ޙުކުމް ތަންފީޒު ކުރައްވަމުން މިހާރު އެ ގެންދަވަނީ ގޭގައި ހުންނަވައިގެންނެވެ.








Comments