ބަޔަކު ދޭ ފިނޑި ހަމަލާއަކުން، ސިފައިންގެ މަސައްކަތަށް ލޮޅުމެއް އަރުވައެއްނުލެވޭނެ- އެމްއެންޑީއެފް
- ޙުސައިން އަޙުމަދު

- Nov 18, 2021
- 1 min read

ސިފައިންނަށްދޭ ފިނޑި ހަމަލާތަކުގެ ސަބަބުން ޤައުމީ ޚިދުމަތުގައި ސިފައިން ކުރަމުންދާ މަސައްކަތައް އެއްވެސް ލޮޅުމެއް އަރުވައިނުލެވޭނެކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން ބުނެފިއެވެ.
އެމްއެންޑީއެފުން މިހެން ބުނީ، ރޭ ދަންވަރުގެ ވަގުތެއްގައި ސްޓާފް ސާޖަންޓް ޙަސަން ފަހީމް ރަހީނުކޮށް އަނިޔާތަކެއްދީފައިވާތީ އެކަން ކުށްވެރިކޮށް ނެރުނު ބަޔާނެއްގައެވެ.
3 މީހަކުވެގެން ފަހީމު ރަހީނުކުރީ މާފަންނު އޭސް ހާޑްވެއާރ ކައިރީގައި އޮންނަ ގޯޅިއަކުން ހިނގާފައި ދަނިކޮށެވެ. އެ ގޮތުން އެ މީހުން ފަހީމުގެ ފޯނު ދިނުމަށް އެދުނެވެ. ނަމަވެސްް އެކަމާއި އަޅައިނުލައި ފަހީމު ދާން ފެށުމުން އެ މީހުން ފަހީމުގެ އަތުގައި ހިފެހެއްޓިއެވެ. ފަހީމު އޭނާގެ ގައިގައި އަތްނުލުމަށް އެދުނެވެ. ނަމަވެސް އެ މީހުން ފަހީމުގެ ކަރުގައި ހިފައި ފައިސާ ހޯދަން މަސައްކަތް ކުރިއެވެ. ހަމައެއާއެކު ފަހީމުގެ ފަހަތުން އައި މީހަކު، ފަހީމުގެ ބޮލުގައި އެއްޗަކުން ޖަހައި ހޭނައްތައިލިއެވެ. އެއަށްފަހު ކޮޓަރިއަކަށް ގެންގޮސް އަނިޔާކޮށް، ފައިސާ ހޯދަން މަސައްކަތްކުރިއެވެ. އެ ގޮތުން ފަތިސްވަންދެން ފަހީމަށް އަނިޔާކުރިއެވެ. އެ މީހުންނަކަށް އެކަން ކާމިޔާބުވާ ގޮތް ނުވުމުން ފަހީމު ގޮވައިގެން ގޮސް ވައްޓައިލީ އައިޖީއެމްއެޗު ކައިރިއަށެވެ. މަޢުލޫމާތު ލިބޭ ގޮތުގައި ފަހީމަށް އަނިޔާކުރި ގުރޫޕުގައި ހިމެނެނީ ހަތް މީހުންނެވެ. އެ މީހުން ތިބީ މޫނު ނިވައިކޮށްގެންނެވެ. އެމްއެންޑީއެފުން ބުނީ، ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފައްދައި ނުރައްކަލުގެތެރެއަށް ގެންދަން މަސައްކަތްކުރާ މިފަަދަ މީހުން ކުރަމުންދާ ޢަމަލުތަކަކީ އެއްވެސް ފަރާތަކުން ޖާގަދެވިގެންވާނެ އަމަލުތަކެއް ނޫން ކަމަށެވެ. ”ސިފައިންނަށްދޭ މިފަަދަ ފިނޑި ހަމަލާތަކުގެ ސަބަބުން ޤައުމީ ޚިދުމަތުގައި ސިފައިން ކުރަމުންދާ މަސައްކަތައް އެއްވެސް ލޮޅުމެއް އަރުވައިނުލެވޭނެ ވާހަކަ ވެސް ދަންނަވަމެވެ.“ އެމްއެންޑީއެފުން ބުންޏެވެ. ފަހީމަށް ލިބިފައިވާ ޒަޚަމްތަކަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިއަދު ވަނީ ގެއަށް ދޫކޮށްލާފައެވެ. އޭނާގެ ހާލަތު ލީޑާރޝިޕުން ގާތުން ބައްލަވަމުން ގެންދަވާކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެ ގޮތުން ސިފައިންގެ އެންމެ މަތީ ވެރިޔާ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ ޑިފެންސް މިނިސްޓަރު މާރިއާ އަޙްމަދު ދީދީއާއި ގުޅުއްވައި ފަހީމުގެ ހާލު އޮޮޅުންފިލުއްވައިފައިކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި މިނިސްޓަރު މާރިއާ ވަނީ ފަހީމުގެ އަނބިމީހާއަށް ފޯނުން ގުޅުއްވައި މިކަމުގައި ދެވެން ހުރި އެހީތެރިކަމެއް ސަރުކާރުން ދޭނެކަމުގެ ޔަޤީންކަން ދެއްވައިފައި ކަމަށާއި، އެމްއެންޑީއެފުގެ ސީީނިއަރ ލީޑާރޝިޕުން މިއަދު ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި ފަހީމްގެ ހާލު ބައްލަވައިފައިވާކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. ރޭގެ އަނިޔާވެރި ހަމަލާދިނުމުގައި ބައިވެރިވި މީހުން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކުރަމުންކަން އެމްއެންޑީއެފުގެ ބަޔާނުގައިި ފާހަގަކޮށްފައިވެއެވެ.








Comments