އަޒާނަށް ބިރުދައްކާ މައްސަލަ ދުނިޔޭގެ ނޫސްވެރިންގެ ޖަމިއްޔާތަކުގެ ސަމާލުކަމަށް ގެނެސްފި
- ޙުސައިން އަޙުމަދު

- Jul 3, 2021
- 1 min read

ރާއްޖޭގެ ފޮރިން މިނިސްޓްރީންނާއި ވެރިކަން ކުރާ އެމްޑީޕީން "ދިޔަރެސް" ނޫހުގެ ކޯ ފައުންޑަރ އަދި ޗީފް އެޑިޓަރ އަޙްމަދު އަޒާންއަށާއި އަދި "ދިޔަރެސް" ނޫހަށް ބިރުދައްކާ، އިންޒާރުދީ ގޮންޖެހުންތައް ކުރިމަތި ކުރަމުން ގެންދާ މައްސަލަ ބައިނަލްއަޤުވާމީ ނޫސްވެރިންގެ ޖަމިއްޔާތައް ކަމަށްވާ ރިޕޯޓާސް ވިތައުޓް ބޯޑާސް އާއި އައިއެފްޖޭ ގްލޯބަލްގެ ސަމާލު ކަމަށް ހުށަހަޅާއިފިއެވެ.
އަޒާން ރިޕޯޓާސް ވިތައުޓް ބޯޑާސް އާއި އައިއެފްޖޭ ގްލޯބަލް އަށް ފޮނުވި ސިޓީއެއް އޭނާގެ ޓްވިޓާގައި ރޭ ވަނީ އާއްމުކޮށްފައެވެ.
އަޒާންގެ ފޮނުވި ސިޓީގައި ވަނީ އިންޑިއާ އިން ރާއްޖެއަށް އެކި ގޮތްގޮތުން ފޯރުވަމުންދާ ނުފޫޒާއި ދެކޮޅަށް "ދިޔަރެސް" ގައި ލިޔަމުންދާ ލިޔުންތައް ހުއްޓުވަން ދިވެހި ސަރުކާރުން އެނޫހުގެ ނޫސްވެރިންނަށް ބްލީ ކުރަމުން ގެންދާ ކަމަށެވެ.
އުތުރު ތިލަފަޅުގައި އިންޑިއާ ސިފައިން ގާއިމުވެ ތިބުމަށް ވެފައިވާ ކަމަށް ބުނާ އެއްބަސްވުމާއި، އިންޑިއާގެ ހެލިކޮޕްޓަރުތައް ރާއްޖޭގައި ދުއްވަން ދެގައުމުގެ ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ މައުލޫމާތު ހޯދަން ސަރުކާރަށް ހުށަހެޅުމުން އެމައުލޫމާތު ނުދިންކަން އޭނާގެ ސިޓީގައި ފާހަގަ ކޮށްފައި ވެއެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ ޑެޕިއުޓީ އެމްބެސެޑަރު ރޯހިތު ރާތިޝް އާއި ގުޅޭ ގޮތުން "ދިޔަރެސް"ގައި ޖެހި ރިޕޯޓް ވެސް ޖަމިއްޔާތަކުގެ ސަމާލު ކަމަށް ވަނީ ގެނެފައެވެ.
އަޒާން ވަނީ "ދިޔަރެސް"ގެ މައްސަލަ މޯލްޑިވްސް މީޑިއާ ކައުންސިލުން ތަހްގީގު ކުރަން މިހާރު ސަރުކާރުން އަންގާފައިވާކަން ވެސް ފާހަގަކޮށްފައެވެ.
"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި އިންޑިއާ ސަރުކާރުން އެދޭ ކަންކަން ފުރިހަމަ ކުރުމަށް ދިވެހި ސަރުކާރުން އެއްވެސް އަސާސެއް ނެތް މައްސަލަތަކުގައި އަޅުގަނޑުގެ މައްޗަށް ދައުވާތަކެއް ވެސް އުފުލުން އެކަށީގެންވެއެވެ." އަޒާންގެ ސިޓީގައި ބުނެފައި ވެއެވެ.
"ދިޔަރެސް" އިން އިންޑިއާ އާއި ގުޅޭ ގޮތުން ލިޔަމުންދާ ލިޔުންތަކުގެ މައްސަލަ ހޫނުވީ އިންޑިއާގެ ޑެޕިއުޓީ އެމްބެސެޑަރާއި ގުޅޭ ގޮތުން ގެނެސްދިން ރިޕޯޓަށް ފަހުއެވެ. އެރިޕޯޓަށް ފަހު އިންޑިއާގެ ހައިކޮމިޝަނުން ވަނީ ރާއްޖޭގެ ނޫސްތަކާއި އަދި ދިވެހިން މީސް މީޑިއާގައި އިންޑިއާ އާއި ދެކޮޅަށް ދައްކަމުން ގެންދާ ވާހަކަތައް ހުއްޓުވައިދޭން ދިވެހި ސަރުކާރުގައި އެދިފައެވެ.
ރިޕޯޓާސް ވިއުއައުޓް ބޯޑާސް އަކީ ނޫސްވެރިންގެ ދިފާއުގައި މަސައްކަތް ކުރާ ދުނިޔޭގެ އެންމެ ބޮޑު އެއް ޖަމިއްޔާއެވެ. އަދި އައިއެފްޖޭ ގްލޯބަލް އަކީ ވެސް އެފަދަ ޖަމިއްޔާއެކެވެ. އައިއެފްޖޭގެ މެންބަރުންގެ ގޮތުގައި ހަލައްކައަށްވުރެ ގިނަ ނޫސްވެރިން ތިބެއެވެ.








Comments