https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

"އޯޓިޒަމް ކުދިންނަށް އުނގަންނައި ދިނުން އަތްމަތީ ފޮތް" ނައިބު ރައީސް އިފްތިތާޙުކޮށްދެއްވައިފި

  • Writer: ޙުސައިން އަޙުމަދު
    ޙުސައިން އަޙުމަދު
  • Aug 29, 2021
  • 1 min read

ނައިބުރައީސް ފައިޞަލް ނަސީމް ”އޯޓިޒަމް ކުދިންނަށް އުނގަންނައި ދިނުން“ އަތްމަތީ ފޮތް އިފްތިތާޙުކޮށްދެއްވައިފިއެވެ.


މި ރަސްމިއްޔާތަކީ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ހުޅުމާލޭގައި ހުންނަ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ މަލްޓިޕަރޕަސް ހޯލުގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތެކެވެ.


މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މި ސަރުކާރުން އަދި ޚާއްޞަގޮތެއްގައި ރައީސުލްޖުމްހޫރިއްޔާ ތަޢުލީމީ ދާއިރާއަށް ދެއްވާ އަހަންމިއްޔަތުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެއްވެސް ކުއްޖަކު ބާކީ ނުކޮށް ސްކޫލުގައި ހުރިހާ ކުދިންނަށްވެސް ކިޔެވޭނެ މަގުފަހިކުރުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރެއްވެވިއެވެ. އަދި އެކަމަށްޓަކައި މިހާރުވެސް ސަރުކާރުން ސްޕީޗް ތެރަޕީ އަދި އޮކިއުޕޭޝަނަލް ތެރަޕީގެ ދާއިރާއިން ރާއްޖޭގެ އެކި ރައްރަށަށް އަމާޒުކޮށްގެން ހިލޭ ސްކޮލަރޝިޕްގެ ފުރުޞަތު ހުޅުވާލާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަނީ ރާއްޖޭގެ ހުރިހާ ފަރާތްތަކުންވެސް މިފަދަ ފުރުޞަތުތަކުގެ ބޭނުން ހިފުމަށް އެދިވަޑައިގެންފައެވެ.


މިމޭރުމުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ސަރުކާރުން މިހާރުވެސް ހުޅުމާލެ ހޮސްޕިޓަލުގައި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރެއް ޤާއިމުކުރެއްވުމުގެ މަސައްކަތްކުރިއަށް ގެންދަވާކަމުގައި ވިދާޅުވެފައެވެ. އަދި މި ސެންޓަރުގެވެސް އަމާޒަކީ އެ ދާއިރާއިން ބޭނުންޖެހިފައިތިބި ކުދިންނަށް އިތުރު ތަމްރީނާއި ފަރުވާއާއި މަސައްކަތްތައް ދަސްކޮށްދިނުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މި ސަރުކާރުން އެއްވެސް ކުއްޖަކު ބާކީ ނުކޮށް މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި މިފަދަ ކުދިންނަށް ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.


’އޯޓިޒަމް ކުދިންނަށް އުނގަންނައި ދިނުން‘ އަތްމަތީ ފޮތުގައި އޯޓިސްޓިކް ކުދިން ދެނެގަންނާނެގޮތާއި، އެކުދިންގެ ފަރުވާގައި ބޭނުންކުރެވިދާނެ ކަންކަމާއި، އެކުދިން މެނޭޖްކުރުމުގައި ބޭނުންކުރެވިދާނެ އުކުޅުތަކުގެ މަޢުލޫމާތު ހިމަނާފައިވެއެވެ. މި ފޮތް ތައްޔާރުކޮށްފައިވަނީ އޯޓިޒަމް އެސޯސިއޭޝަންއަށް ދާ ކުދިން ގެންގުޅުމުގައި އެއްކޮށްފައިވާ މަޢުލޫމާތުގެ އަލީގައެވެ. އަދި މި ފޮތް ނެރުމުގެ ބޭނުމަކީ ބެލެނިވެރިންނާއި ކިޔަވައިދޭ ޓީޗަރުން އޯޓިސްޓިކް ކުދިންނަށް އުނގަންނައިދިނުމުގައި ބޭނުންކުރާނެ އުކުޅުތަކަށް މީހުން އަހުލުވެރިކުރުވުންކަމުގައި އޯޓިޒަމް އެސޯސިއޭޝަންގެ ފަރާތުން ވަނީ ފާހަގަކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުރުން މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އޯޓިޒަމް އެސޯސިއޭޝަންގައި ހިމެނޭ ބައެއްތަންތައް ބައްލަވައިލައްވާފައެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page