އަލީ ވަހީދުގެ ޝަރީއަތް ސަރުކާރުން ހައިކޯޓުގައި އިސްތިއުނާފުކޮށްފި
- ޙުސައިން އަޙުމަދު

- Jun 26, 2021
- 1 min read

ޖިންސީ ގޯނާ ދިނުމުގެ ގިނަ ދައުވާތަކެއް އުފުލިފައިވާ ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތް އޭނާ އިނގިރޭސިިވިލާތުގައި ހުންނަވައިގެން އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމި ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
މިދިއަ ހޯމަ ދުވަހު އަލީ ވަހީދުގެ ޝަރީއަތް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެހެންނަމަވެސް ޝަރީއަތަށް ހާޒިރުވީ ކޮން ތަނެއްގައި ހުރެގެން ކަން ނޭނގޭ ކަމަށާއި އޭނާ ހުރީ ރާއްޖޭގެ އިހްތިސޯސުން ބޭރުގައި ކަމުން، އެކަމާ ދެކޮޅު ހަދައި އެކަން ހިނގާފައިވާ ގޮތާއި މެދު ޝަރީއަތުގައި ސުވާލުކުރި ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފަ އެވެ. އޮންލައިންކޮށް ފުރަތަމަ ކުރިއަށް ގެންދިޔަ އަޑު އެހުމުގައިވެސް ޕީޖީ ޝަމީމު ވަނީ އެއީ ޝަރީއަތުގެ މަޖިލީހެއް ކަމަށް ޤަބޫލު ނުކުރައްވާކަމަށް ވިދާޅުވެފައެވެ. ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަދި މީޑިއާ އޮފިސަރު އަހުމަދު ޝަފީއު ވިދާޅުވީ، އަލީ ވަހީދު ކޯޓުގެ އިހްތިސާސް ނެތް ތަނެއްގައި ހުއްޓާ، އޮންލައިންކޮށް ޝަރީއަތް ހިންގަވަން ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ނިންމެވި ނިންމެވުމުން މިހާރު ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ ކަމަށެވެ. ދައުވާތައް އުފުލާފައިވަނިކޮށް އަލީ ވަހީދު ވަނީ ބޭސްފަރުވާއަށް ކަމަށް ބުނެ އިނގިރޭސިވިލާތަށް ވަޑައިގެންފައެވެ. އަދި ސަރުކާރުން ދިން މުއްދަތު ހަމަވުމުންވެސް އަދިވެސް ބޭސްކޮށް ނުނިމޭކަމަށް ބުނެ އަލީ ވަހީދު ވަނީ އޮންލައިންކޮށް ޝަރީޢަތް ކުރިއަށް ގެންދިޔުމަށް އެދިފައެވެ. އެގޮތަށް އެދުމުން ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ވަނީ އެގޮތަށް ޝަރީއަތް ކުރިއަށް ގެންދަން ނިންމަވާފައެވެ.








Comments