އަޅުގަނޑުމެން މި ތައްޔާރު ވަނީ އިހްތިޖާޖަށް- ސަރުކާރު މުވައްޒަފުން
- މާހިރު މުޙައްމަދު
- Sep 17, 2021
- 0 min read
Updated: Sep 17, 2021

ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުން އަންނަ ހަފްތާގެ ތެރޭގައި އިހްތިޖާޖު ކުރަން ނިންމައިފިއެވެ.
ދިވެހި ސިވިލް ސާވަންޓްސް އެސޯސިއޭޝަންގެ އޮފިޝަލަކު ވިދާޅުވީ އަންނަ އާދިއްތަ ދުވަހު އިހްތިޖާޖު ކުރާނެ ކަމަށެވެ. އެގޮތުން ސިވިލް ސާވިސްގެ މުވައްޒަފުން އެ ދުވަހު އޮފީހަށް ދާނީ ކަޅު ހެދުން ލައިގެން ކަމަށާއި އެ މީހުން އިހްތިޖާޖު ކުރާ ކަމެއް ނޭނގޭ ކަމަށް ސަރުކާރުން ހަދައިފިނަމަ ހޯމަ ދުވަހު މަސައްކަތް ހުއްޓާލައިގެން ވެސް އިހްތިޖާޖު ކުރާނެ ކަމަށެވެ.
"އިހްތިޖާޖުގެ މައުލޫމާތު ހުރިހާ ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް އެބަކުރަން. އާދިއްތަ ދުވަހާ ހަމައަށް ދާއިރު މިކަމުގެ މައުލޫމާތު ލިބި ހުރިހާ ސިވިލް ސާވަންޓުން ވެސް އިހްތިޖާޖުގައި ބައިވެރިވާނެ ކަމަށް ބެލެވޭ،" ނަން ނުޖެހުމަށް ޝަރުތުކޮށް އޭނާ ވިދާޅުވި އެވެ.
ސިވިލް ސާވިސް މުވައްޒަފުންގެ ހުށަހެޅުންތައް
ސެޓްފިކެޓް ޕްރޮމޯޝަން އަލުން ދިނުން
ލިވިން އެލަވަންސް ހަމަޖައްސައިދިނުން
ވައުދާ އެއްގޮތަށް މިނިމަން ވޭޖު އަވަސް ކުރުން
ދަށް މުވައްޒަފުންގެ މުސާރަށް ހެޔޮ ބަދަލެއް ގެނައުން
ސުކްލު ތަކުގެ އިދާރީ މުވައްޒަފުންނަށް އިތުރު އެލަވަންސެއް ދިނުން
އޮފިޝަލް ވިދާޅުވީ ސިވިލް ސާވިސް ނޫން އެހެން ދާއިރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަތައް ސަރުކާރުގެ އެހީތެރިކަމާއި އެކު ބޮޑު ކުރަމުންދާ ކަމަށެވެ. އެގޮތުން ޕައިލެޓުންނާއި، ސިއްހީ ދާއިރާގެ ފަންނީ ބޭފުޅުންނާއި އަދި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ ތަކުގެ މެންބަރުންގެ މުސާރަ ވެސް މީގެތެރޭގައި ހިމެނޭ ކަމަށެވެ. "އަޅުގަނޑުމެން ސިވިލް ސާވިސްގެ މުވައްޒަފުންނާ ޖެހުނީމާ މުސާރަ ބޮޑެއް ނުވޭ. ބަޖެޓެއް ނުވޭ. މިއީ ބަލައިގަނެވޭނެ ކަމެއް ނޫން،" އޭނާ ވިދާޅުވިއެވެ. ސިވިލް ސާވިސް ކޮމިޝަނުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާ އިރު 26،668 މުވައްޒަފުން ސިވިލް ސާވިސް މުވައްޒަފުންގެ ގޮތުގައި މަސައްކަތް ކުރެއެވެ. ސިވިލް ސާވަންޓުން އިހްތިޖާޖަކަށް ތައްޔާރުވަމުން މި ދަނީ ޕައިލެޓުންނާއި ނަރުހުންނާއި އަދި ޑޮކްޓަރުން ވެސް މުސާރަތައް ބޮޑު ކުރުމަށް ގޮވާލައި ތަފާތު ހަރަކާތްތައް ހިންގަމުންދާ ވަގުތެއްގައެވެ.








Comments