https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

އަޅުގަނޑު ސަން އައިލެންޑް ރިސޯޓުގައި ހުރީ ރަސޫލާ އެންގެވި ގޮތަށް އަމަލުކުރަން- ޤާސިމް

  • މާހިރު މުޙައްމަދު
  • Aug 31, 2021
  • 1 min read

ވޭތުވެދިޔަ ދުވަސްތަކުގައި ރައްޔިތުން މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވެވަޑައިނުގެން އެއް ފަރާތުގައި ހުންނެވީ ރަސޫލާ އަންގަވާފައިވާ ގޮތަށް ޢަމަލުކުރުމުގެ ގޮތުންކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު އޮނަރަބަލް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.


ވޭތުވެދިޔަ ދޮޅު އަހަރުތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށާއި، ކޮމިޓީތަކަށް ހާޒިރުވެވަޑައިނުގަންނަވައި ހުންނެވުމަށްފަހު، މަޖިލީހުގެ ޖަލްސާއަކަށް ޤާސިމް ވަޑައިގަތީ މި މަހުގެ 16 ގައި ބޭއްވި މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާއަށެވެ.


ކޮވިޑާއި ގުޅިގެން އޭގެކުރިން ޤާސިމް ގިނަ ދުވަސްތަކެއް ހޭދަކުރެއްވީ ސަން އައިލެންޑް ރިސޯޓުގައެވެ.


ޖޭޕީއާއި އަލަށް ގުޅުނު މެންބަރުންގެ ފޯމު ހަވާލުކުރުމަށް މ.ކުނޫޒުގައި ރޭ ބޭއްވި ޖަލްސާގައި ޤާސިމް ވިދާޅުވީ އެ ދުވަސްވަރު މަޖިލީހުގެ ޖަލްސާތަކުން އެކަހެރިވެވަޑައިގެން ހުންނެވީ ކޮވިޑު ފެތުރެން ފެށި ދުވަސްވަރުކަމުން، އެ މަނިކުފާނަކީ ހައި ރިސްކް ކެޓަގަރީއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅަކަށްވާތީ ކަމަށެވެ.


”އަޅުގަނޑަކީ އެކަމަށް ވަރަށް ސެންސިޓިވް މީހެއް. އެކަން އަޅުގަނޑަށް އެނގެނީ ޑޮކްޓަރުން ވިދާޅުވާ ޢަލާމާތްތަކަށް ބަލާއިރު، އަޅުގަނޑަކީ ވަރަށް އަވަހަށް ބަންބުޅި އަޅުވައިލާފާނެ މީހެއް އަޅުގަނޑު ބުރަކަށީގަ ކޮވިޑް ކަންތަކުގަ. އެހެންވީމަ އެކަމަށް ވިސްނައިގެން އުޅެންވެގެން އަޅުގަނޑު އެއް ފަރާތެއްގަ ހުރީ. އަދި އަޅުގަނޑު ބަލައިގަތީ އަޅުގަނޑުމެން ރަސޫލާގެ އަންގަވާފަ އޮތް އެންގެވުން.“ ޤާސިމް ވިދާޅުވިއެވެ.


މީގެ އިތުރުން ޤާސިމް ވިދާޅުވީ މަޖިލީހުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވައި، ރިޔާސަތުގައި އިންނަވައިގެން މުހިންމު އެތައް ޚިދުމަތްތަކެއް ކޮށްދީފައިވީ ނަމަވެސް، މިހާރު މަޖިލީހުގައި އެ މަނިކުފާނަށް އެ ފުރުސަތެއްނެތް ކަމަށެވެ. އަދި މަޖިލީހުގައި އެމްޑީޕީގެ މެޖޯރިޓީ އޮތުމުން އެހެން މީހަކު ދައްކާ ވާހަކަ އަޑު އައްސަވާކަށް، އެ ބޭފުޅުން ބޭނުންވެވަޑައިނުގަންނަވާ ކަމަށެވެ.


”މިހާރު އަޅުގަނޑުގެ މާ ބޮޑު ޒިންމާއެއް ނެތް މެންބަރަކަށް ހުރުން ފިޔަވައި. އެންމެ ކުޑަ މިނުން ކޮމިޓީއެއްގެ ނައިބު މުޤައްރިރުކަން ވެސް ނެތް އަޅުގަނޑާއި ހަވާލުކޮށްފަ. އަޅުގަނޑު ދައްކާ ވާހަކަ ގަބޫލުކުރާނެ މީހެއް ހުންނަނީއެއް ނޫން. އެއެއް ބަލައިގަނެ ކަމެއް ކުރާނީއެއް ނޫން.“ ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ އާދައިގެ މެންބަރަކު މަޖިލީހުގެ ޖަލްސާއަކަށް ހާޒިރުވެވަޑައިނުގަނެގެން އެ ބޭފުޅާގެ ވޯޓު ނުލިބިގެން ނުނިންމޭނެ ކަމެއް ނޯންނާނެ ކަމަށެވެ. އެ ގޮތުން އޮންލައިންކޮށް ބޭއްވި ޖަލްސާތަކުގައި ބައިވެރިވެވަޑައިގެން ވަގުތު ހުސްކުރުމަށް އިންނެވުމުގެ ބޭނުމެއް ނެތްކަމަށް ވެސް ޤާސިމް ވަނީ ވިދާޅުވެފައެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page