އަޅުގަނޑު ފުރާ ދުވަސް ދެންނެވޭކަށް ނެތް- ނަޝީދު
- މާހިރު މުޙައްމަދު
- Oct 13, 2021
- 1 min read

ރާއްޖެއިން އެނބުރި ފުރާވަޑައިގެންނެވޭނެ ދުވަހެއް ހާމަކުރެއްވެވެން ނެތްކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، އެ މަނިކުފާނު މިއަދު މެންދުރުފަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގައެވެ. ހުސްވި މެއި 06 ވަނަ ދުވަހުގައި ރައީސް ނަޝީދަށް އަމާޒުކޮށް ބާރުގަަދަ އައިއީޑީއެއް ގޮއްވައިލުމާއެކު ލިބިވަޑައިގެންނެވި އަނިޔާތަކަށް ފުރަތަމަ ފަރުވާ ހޯއްދެވީ އޭޑީކޭ ހޮސްޕިޓަލުގައެވެ. އެއަށްފަހު ޖަރުމަނު ވިލާތަށް ވަޑައިގެންނާއި، އިނގިރޭސި ވިލާތަށް ވަޑައިގެން ފަރުވާ ހޯއްދެވިއެވެ. ރައީސް ނަޝީދު ރާއްޖެ ވަޑައިގެންނެވީ މި މަހުގެ 11 ވަނަ ދުވަހުގެ މެންދުރު ފަހުގައެވެ. ބައެއް ނޫސްތަކުން އެ ދުވަހު ރިޕޯޓު ކުރި ގޮތުގައި ރައީސް ނަޝީދު ރާއްޖެ ވަޑައިގަތީ 3 ދުވަހަށެވެ. ނަމަވެސް ރައީސް ނަޝީދު މިއަދު ވިދާޅުވީ ރާއްޖެ ވަޑައިގަތީ 3 ދުވަހަށްކަމެއް އެ މަނިކުފާނު ވިދާޅެއްނުވާ ކަމަށާއި, އެ މަނިކުފާނު ރާއްޖެ ވަޑައިގެންނެވީ 3 ދުވަހަށްކަމަށް ނިންމެވީ ނޫސްވެރިން ކަމަށެވެ. ހަމައެހެންމެ ބޭސް ފަރުވާއާއި އެހެނިހެން ބައެއް ކަންކަން ހުރި ގޮތުން ބޭރުގައި މަޑުކުރައްވަން ޖެހޭކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ނަޝީދު ވަނީ މިއަދަކީ އެ މަނިކުފާނު ރާއްޖެ ވަޑައިގެންނެވިތާ 3 ވަނަ ދުވަސްކަން ފާހަގަކުރައްވައި، މިއަދު ފުރާވަޑައިގަތުމަށް ހަމަޖެހިފައެއްނުވާކަމަށް ވެސް ވިދާޅުވެފައެވެ. ރައީސް ނަޝީދު އެނބުރި ބޭރަށް ފުރާަވަޑައިގަންނަވަނީ ކޮން ދުވަހަކުތޯ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ވިދާޅުވީ، އެނބުރި ފުރާވަޑައިގެންނެވޭނެ ދުވަހެއް ހާމަކުރެއްވެވެން ނެތްކަމަށެވެ. ”އަޅުގަނޑު ފުރާ ދުވަސް ދެންނެވޭކަށް ނެތް. އަޅުގަނޑު ގާތު ބުނެފަ އޮތީ އެއްތަނުން އަނެއް ތަނަށްދާ ދުވަހާއި، ގަޑިއާއި އެ ބާވަތުގެ މަޢުލޫމާތު ހިއްސާ ނުކުރުމަށް.“ ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ރާއްޖެ ވަޑައިގެން މިހާރު ހުންނަވަނީ ހޮޓެލް ޖެންގައެވެ. އެ މަނިކުފާނު ހޮޓެލް ޖެންގައި މި ވަގުތު ހުންނެވީ މަޖިލީޖުގެ ރައީސްއަށް ދައުލަތުން ހަމަޖައްސާ ގޭގެ މަސައްކަތް ނިމެންދެންނެވެ.








Comments