https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

އަޅުގަނޑަށް ރާއްޖެ ވަޑައިގެންނެވެން ނެތީ މި 2 ސަބަބާ ހުރެ- ނަޝީދު

  • މާހިރު މުޙައްމަދު
  • Sep 2, 2021
  • 1 min read

މި ވަގުތު ރާއްޖެ ވަޑައިގެންނެވެން ނެތް ސަބަބުތައް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ހާމަކުރައްވައިފިއެވެ.


ހުސްވި މެއިމަހުގެ 06 ގައި ބާރުގަދަ ބޮމެއް ގޮއްވައިލައި ދިން ޓެރަރިސްޓު ހަމަލާގައި އެ މަނިކުފާނަށް ލިބިވަޑައިގެންނެވި އަނިޔާތަަކަށް އޭޑީކޭގައި ފަރުވާ ހޯއްދެވުމަށްފަހު، އިތުރު ފަރުވާ ހޯއްދެވުމަށް ވަޑައިގެންނެވީ ޖަރުމަނުވިލާތަށެވެ. ޖަރުމަނުގައި ފަރުވާ ހޯއްދެވުމަށްފަހު، އެ މަނިކުފާނު މިހާރު ހުންނެވީ އިނގިރޭސި ވިލާތުގައެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް މިއަދު ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ، އެ މަނިކުފާނު ރާއްޖެ ވަޑައިގަންނަވާނެ ދުވަހެއް އޮޅުންފިލުވަން ގިނަ ބަޔަކު ސުވާލުކުރަމުންދާ ކަމަށެެވެ. އެކަން ފާހަގަކުރެއްވުމަށްފަހު ވިދާޅުވީ، އެ މަނިކުފާނުގެ ކަނާތުގެ ތިން އިނގިއްޔެއް ހުންނަނީ ވަރަށް ބޮޑަށް އައްސިވެފައި ކަމަށާއި، އަދިވެސް އެ އިނގިލިތަކުގެ ބޭނުމެއްނުކުރެއްވޭ ކަމަށެވެ. ”ޑޮކްޓަރު ބުނީ އަދިވެސް ބަލާފައި އޮޕަރޭޝަނެއް ކުރަންޖެހެނީނަމަ، އޮޕަރޭޝަންކުރަން.“ ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ މިހާރު ކޮންމެ ދެ ހަފުތާއަކުން އެއްފަހަރު ޑޮކްޓަރަށް ދައްކަވަންޖެހޭ ކަމަށާއި، އެ މުއްދަތު މަހަކަށް ބަދަލުވުމުން އެނބުރި ރާއްޖެ ވަޑައިގަންނަވަން ފަސޭހަވާނެ ކަމަށެވެ. ”ހަމައެއާއެކު ހަމަލާ ރާވައި، އެއަށް ފައިސާ ޚަރަދުކުރި މީހުން އަދި ނުހޯދޭ. ވީމާ މި ދެ ކަންތައް މިހެން ހުރުމުން އަދި ރާއްޖެދެވެން ނެތް.“ ރައީސް ނަޝީދު ވިދާޅުވިއެވެ. ދާދިފަހުން ރައީސް ނަޝީދު ވަނީ، އެ މަނިކުފާނަށް ދިން ހަމަލާ ރާވައި ހިންގި މީހުންގެ ތަޙްޤީޤު ނުނިމި ކުރިއަށްދާއިރު، އެ މީހުން އިންސާފުގެ ކުރިމައްޗަށް ނުގެނެވެނީސް، އެ މަނިކުފާނު ރާއްޖެ ވަޑައިގަތުމަކީ ޢާއިލާއިންނާއި، ހެޔޮއެދޭ ފަރާތްތަކުން އެދޭކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. ހަމައެހެންމެ އެނބުރި ރާއްޖެ ވަޑައިގަތުމަށް އެ މަނިކުފާނު ވެސް ޖެހިލުންވެވަޑައިގަންނަވާ ކަމަށެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page