އިތުރު ޓެކްސްތަކެއް ނެގުމަށް ސަރުކާރުން ތައްޔާރުވެއްޖެ
- ޙުސައިން އަޙުމަދު

- Jul 12, 2021
- 1 min read

ދިވެހިރާއްޖޭގެ އެއާޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި، ފީ ނެގުމާބެހޭ ޤާނޫނަށް 01 ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީޤު ކުރައްވައިފިއެވެ.
މި މަހުގެ 5 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 18 ވަނަ ޖަލްސާގައި ފާސްކުރި ބިލު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ތަޞްދީޤުކުރައްވައިފައި ވަނީ އިއްޔެގައެވެ.
ބިލާއެކު ގެނެވުނު އިސްލާހުތަކުގެ ތެރޭގައި, ރާއްޖޭގެ އެއަރޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން، ކަނޑައެޅިފައިވާ ގޮތުގެ މަތިން ޑިޕާޗަރ ޓެކްސްގެ ނަމުގައި ޓެކްސްއެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ.
ދަތުރުކުރާ ކްލާހަށް ބިނާކޮށް ދިވެހިންނާއި ބިދޭސީންގެ އަތުން ނަގާ ޓެކްސް:
ބިޒްނަސް ކްލާސް – 60 އެމެރިކާ ޑޮލަރު ފަސްޓް ކްލާސް – 90 އެމެރިކާ ޑޮލަރު ޕްރައިވެޓް ޖެޓް – 120 އެމެރިކާ ޑޮލަރު
އިކޮނޮމީ ކުލާހުގައި ދަތުރުކުރާ ދިވެހިންގެ އަތުން ނަގާނީ 12 އެމެރިކާ ޑޮލަރެވެ. ބިދޭސީންގެ އަތުން ނަގާނީ 30 ޑޮލަރެވެ. މި ޓެކްސްތައް ނަގާނީ 2022 ވަނަ އަހަރުގެ ޖެނުއަރީ 01 ވަނަ ދުވަހުން ފެށިގެންނެވެ. ހަމައެހެންމެ މި ޤާނޫނުގައި ބުނާ އެއަރޕޯޓް ސަރވިސް ޗާޖު ނެގުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ނިޔަލަށެވެ. މީގެ އިތުރުން ބިލާއެކު ގެނެވުނު އިސްލާހުތަކުގެ ތެރޭގައި، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން އެއަރޕޯޓް ސަރވިސް ޗާޖާއި، ޑިޕާޗަރ ޓެކްސްގެ އިތުރުން، ކަނޑައެޅިފައިވާ ގޮތުގެ މަތިން އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ނަމުގައި ފީއެއް ނެގުމަށް ވަނީ ނިންމައިފައެވެ. އެއަރޕޯޓް ސަރވިސް ޗާޖާއި، ޑިޕާޗަރ ޓެކްސްއާއި, އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ، މީރާއަށް ދައްކަންޖެހޭނީ އެމެރިކާ ޑޮލަރުންނެވެ. ބިލުގައިވާ ގޮތުން ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ މީހުންނާއި، ޓްރާންސިޓް ފަސިންޖަރުންނާއި، ޢުމުރުން 2 އަހަރު ފުރިހަމަނުވާ ކުޑަކުދިން ޑިޕާޗަރ ޓެކްސް ނެގުމުން އިސްތިސްނާވާނެއެވެ.








Comments