ޢަފީފްއަށް ފިޔަވަޅު އަޅަން ރައީސް ޞާލިހު އަންގައިފި
- މާހިރު މުޙައްމަދު
- Aug 11, 2021
- 1 min read

ވިލިފުށީ ދާއިރާގެ މެންބަރު ޙުސައިން ޢަފީފު ދެއްކެވި ވާހަކައާއި ގުޅިގެން އޭނާއަށް ފިޔަވަޅު އަޅަން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އަންގައިފިއެވެ.
ދިވެހިޗެނަލްގެ ”ހަވާސާ“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޢަފީފް މީގެ ކުރިން ވިދާޅުވެފައިވަނީ، ރައީސް ޞާލިޙްގެ އެންމެ އަރިސް ބޭފުޅުންނަށް މިހާރު ތިއްބެވީ ޢަދާލަތު ޕާޓީގެ މެންބަރުން ކަމަށާއި، ރައީސް ޞާލިޙް އެ ޕާޓީގެ މެންބަރަކަށް ވެވަޑައިނުގަންނަވާކަން ވެސް ޔަޤީންނުވާ ކަމަށެވެ.
އެކަމާއި ގުޅިގެން ޢަފީފަށް ފިޔަވަޅު އަޅަން އަންގާފަައިވާކަން އޭނާ ހާމަކުރެއްވީ ސަންގުޓީވީން ރޭ ގެނެސްދިން ޚަބަރަށް ފަހު ޕްރޮގްރާމުގައެވެ.
”ކުރީ ރޭގައި އަޅުގަނޑު ޓީވީ ޕްރޮގްރާމެއްގައި ބުނި އެެއްޗަކުން ޕާޓީން އަޅުގަނޑަށް ފިޔަވަޅު އަޅަން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އަންގަވާފައި“ ޢަފީފް ވިދާޅުވިއެވެ. ހަމައެހެންމެ ރޭ އަޅުއްވާނީ ކޮންކަހަލަ ފިޔަވަޅެއްކަމެއް އެނގިވަޑައިނުގަންނަވާކަމަށެވެ.
ޢަފީފް ވިދާޅުވީ ރައީސް ހިތްޕުޅުހަމަނުޖެހޭ ވާހަކައެއް ދެއްކެވުމުން ކަމަށާއި ފިޔަވަޅު އަޅަން އެންގީ ކޮންއިރަކުކަން އޭނާއަށް އެނގިވަޑައިނުގަންނަވާ ކަމަށާއި އެނގޭހާ ވެސް އެއްޗަކީ ފިޔަވަޅު އަޅަން އެންގެވީ ރައީސް ޞާލިޙް ކަމަށެވެ.
”އެހެންވީމަ ކަންނޭނގެ ޕީޖީ ލީޑަރު އޮތެއްނޫންތޯ ޓްވީޓު ކުރައްވާފައި، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ މެންބަރަކު ނުބުނާނެއޭ އެހެންނެއް. ދެން ޕާޓީގެ މެންބަރަކަށް ނުވާނެ ނޫންތޯ“ ޢަފީފް ވިދާޅުވިއެވެ.
ރޭގެ ޕްރޮގްރާމުގައި ވެސް ޢަފީފް ވަނީ ރައީސް ޞާލިޙަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ރައީސް ނަޝީދަށް ތަޢުރީފު ކުރައްވާފައެވެ.








Comments