https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

އެޗްޕީއޭ އިން 70،000 ރުފިޔާ ލިބޭ ވަޒީފާއަކަށް މީހަކު ހޯދަނީ

  • Writer: ޙުސައިން އަޙުމަދު
    ޙުސައިން އަޙުމަދު
  • Jun 17, 2021
  • 1 min read

ހެލްތު ސާވިސްގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް މީހަކު ހޯދަން އެޗްޕީއޭ އިން އިއުލާން ކޮށްފިއެވެ.

ސިވިލް ސާވިސް ކޮމިޝަނުން އިއުލާނުކޮށްފައިވާ ގޮތުން އެ މަގާމަށް މުސާރައިގެ ގޮތުގައި މަހަކު -/54،430 ރުފިޔާ ލިބޭނެއެވެ. އަދި އެލަވަންސްގެ ގޮތުގައި ދުވާލަކަށް 530 ރުފިޔާގެ މަގުން ލިބޭނެއެވެ.


މި މަގާމަކީ ސިވިލް ސާވިސްގެ މަގާމްތަކަށް ބަލާއިރު އެންމެ މުސާރަ ބޮޑު އެއް މަގާމެވެ. އަދި ބޮޑު ޒިންމާއެއް ކަނޑައެޅިފައިވާ އެއް މަގާމުވެސް މެއެވެ.

މި އިއުލާނުގައި ވާގޮތުން މި މަގާމަށް ކުރިމަތިލާ މީހާއަކީ ރާއްޖޭގެ މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ގަބޫލުކުރާ މެޑިކަލް ޑިގްރީއެއް އޮންނަ މީހަކަށް ވާންޖެހޭނެއެވެ. އަދި އެމީހަކީ އެއް އަހަރު ދުވަހުގެ އިންޓާންޝިޕް ފުރިހަމަ ކޮށްފައިވާ މީހެއްކަށް ވުމުގެ އިތުރުން ޕްރެކްޓިސް ކުރުމުގެ ހުއްދަ އޮންނަ މީހަކަށް ވާން ޖެހެއެވެ.

މިމަގާމުގެ ޝަރުތުތަކުގައި ވަނީ ސިއްހީ ދާއިރާއިން އަށް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވުމުގެ އިތުރުން ސިއްހީ ދާއިރާގެ ހިންގުމުގެ މަސައްކަތުގައި މަދުވެގެން ތިން އަހަރުގެ ތަޖުރިބާ ލިބިފައި ވުމެވެ.

މި މަގާމް ހުސްވީ ކުރިން އެމަގާމުގައި ހުންނެވި ޑރ.ޝީޒާ އަލީގެ ޓާމް ފުރިހަމަވުމުންނެވެ. މަގާމަށް އައްޔަން ކުރަނީ 4 އަހަރަށެވެ.

މިމަގާމުގެ އެންމެ ބޮޑު އެއް ޒިންމާއަކީ ސިއްޙީ ދާއިރާ ތަރައްޤީކޮށް ޚިދުމަތް ފުޅާކުރުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމަށާއި، ދާއިރާއަށް ބޭނުންވާ ޤާނޫނީ ބާރުވެރިކަން ފަހިކޮށްދިނުމަށާއި އެކިއެކި ޕްލޭންތަކާއި ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް އެކުލަވާލުމަށާއި، ބޭނުންވާ ފަންނީ ވިސްނުން މިނިސްޓަރއަށް ހިއްސާކޮށް އިރުޝާދުދިނުމެވެ.

މީގެ އިތުރުން ސިޔާސީ ގޮތުންނާއި ފަންނީގޮތުން ކަނޑައަޅާ ސިއްޙީ ދާއިރާގެ ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި ރާއްޖެއިން ބޭރު ގައުމުތަކުގެ އެހީތެރިކަން ހޯދުމުގެ ގޮތުން ޤައުމުތަކާއެކު ގުޅުންބަދަހިކުރުމަށް ބޭނުންވާ އިރުޝާދުދިނުމަކީ ވެސް މިމަގާމާއި ހަވާލުވާ ބޭފުޅެއްގެ ޒިންމާއެކެވެ.

މި މަގާމަށް މުސާރަ އާއި ސާވިސް އެލަވަންސްގެ އިތުރުން ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތާއި ޕެންޝަން ވެސް ލިބޭނެއެވެ. މަގާމަށްް ކުރިމަތި ލުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ 23 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިންނެވެ.

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރާނެއެވެ. އިންޓަވިއު ކުރާނީ ޝޯޓްލިސްޓް ކުރާ ފަރާތްތަކާއި އެކަންޏެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page