ހިސާން ހުސައިން ހުށަހެޅުއްވި "ލާދީނީ" ބިލުގެ ޕެޓިސަނުން ކުރިއެއް ނުލިބުނު
- ޙުސައިން އަޙުމަދު

- Jun 21, 2021
- 1 min read

އާންމު ތަންތަނުގައި މީހަކު އިސްލާމް ދީނާ ޚިލާފު ކަމެއް ކުރި ކަމަށް ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅާ ގޮތަށް ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލާ ދެކޮޅު ޕެޓިޝަންގައި 6000 ހާ ގާތްކުރާ އަދަދަށް މީހުން ސޮއިކޮށްފިއެވެ.
ހިސާން ހުސައިން ހުށަހެޅުއްވި ބިލަކީ "ލާދީނީ" ބިލެއްގެ ގޮތުގައި ސިފަކޮށް ބިލާ ދެކޮޅު ޕެޓިޝަނެއް ވަނީ ތައްޔާރުކޮށްފައެވެ. އަދި ބިލަށް ތާއީދުކޮށް ވެސް ޕެޓިޝަނެއް ތައްޔާރުކޮށްފައިވެއެވެ.
"ބޭން ސެކިއުލާ ބިލް" ނުވަތަ "ލާދީނީ ބިލް ބޭރުކޮށްލަން" ނަމުގައި އުފައްދާފައި ޕެޓިޝަންގައި މިއަދު ހެނދުނާހަމައަށް 5،735 ސޮއި ވަނީ ހަމަވެފައެވެ.
"ހަރުކަށި ފިކުރާ ދެކޮޅަށް" ނުވަތަ "އެގެއިންސްޓް އެކްޓްރީމިޒަމް" ގެ ނަމުގައި އުފައްދާފައިވާ ޕެޓިޝަނަށް އެހާއިރު ހަމަވެފައިވަނީ 2،000 ސޮއެވެ. މި ޕެޓިޝަން ތައްޔާރުކޮށްފައިވާ ކަން ހާމަ ކުރެއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޓުއިޓާ މެދުވެރިކޮށްށެވެ.
ފާޑުކިއުން އިންތިހާއަށް އަމާޒުވެފައިވާ މި ބިލު ވަނީ މަޖިލީހުގެ ތަޅުމުން ބަލައިގަނެ ދިރާސާކުރަން ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފައެވެ.
ކޮމިޓީން ނިންމާފައިވަނީ އިސްލާމިކް މިނިސްޓްރީއާއި ހިއުމަން ރައިޓްސް ކޮމިޝަންއާއި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ލަފާ ބިލާ ގުޅޭ ގޮތުން ހޯދުމަށެވެ. އަދި އާންމުންނަށް ލިޔުމުން ޚިޔާލު ހުށަހެޅޭ ގޮތަށް މާދަމާގެ ނިޔަަލަށް ހުޅުވާލާފައިވެއެވެ.
ނަފުރަތުގެ އަމަލުތައް ބަޔާން ކުރުމުގެ މަގްސަދުގައި ކަމަށް ބުނެ ހުށަހެޅި އެ ބިލާ ދެކޮޅަށް ގިނަ އިލްމުވެރިންނާއި އާންމުންގެ ބަޔަކު ވެސް އަންނަނީ މީސް މީޑިއާގައި ކެމްޕޭން ކުރަމުންނެވެ. އަދި "އާދައިގެ" ގޮތަށް ކޮމިޓީގެ ދިރާސާ ކުރުމުގެ މަރުހަލާ ގެންދާތީ ވެސް ދަނީ ނުރުހުން ފާޅު ކުރަމުންނެވެ.
ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީ ވެސް މި ބިލާ ދެކޮޅެވެ. އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުންނާއި ބައެއް ކައުންސިލަރުން ވެސް ވަނީ ބިލާ ދެކޮޅަށް ނުކުންނަވައި ވާހަކަ ދައްކަވައިފައެވެ.
އަމާޒުވާ ފާޑުކިއުންތަކަށް ރައްދު ދެއްވައި ހިސާން ވިދާޅުވެފައިވަނީ ބިލު އޮތީ އިސްލާމީ ޝަރީއަތާ އެއްގޮތަށް ކަމަށެވެ. އަދި ބިލުން ދީނީ ނަސޭހަތް ދިނުމާއި ޚިޔާލު ފާޅުކުރުމަށް އެއްވެސް ހުރަހެއް އެޅެން ނޯންނާނެ ކަމަށް އޭނާ ވިދާޅުވެއެވެ.






Comments